ހަ އަތޮޅު ކައުންސިލަރުންނާއި އެތައް ރަށު ކައުންސިލަރުންނެއް އެމްޑީޕީ ދޫކޮށް ޑިމޮކްރެޓިކްސްއަށް
ދެންމެ | 01 ޖޫން 2023

ހަ އަތޮޅެއްގެ އަތޮޅު ކައުންސިލަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށްފިއެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ، ހއ، ށ، ނ، ބ، ވ، ލ އަތޮޅު ކައުންސިލްގެ ރައީސްއާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އިތުރު އަތޮޅުތަކުގެ އަތޮޅު ކައުންސިލަރުން ސޮއި ކުރަމުންދާ ކަމަށާއި އެކަމުގެ މައުލޫމާތުވެސް ހިއްސާ ކުރަމުން ދާނެ ކަމަށް ދަ ޑިމޮކްރެޓްސްއިން ބުންޏެވެ.

މޭޔަރު ހިމެނިވަޑައިގަންނަވާ ގޮތަށް، ހދ. ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައި ވަނީ އިއްޔެއެވެ.

ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށިން އެމްޑީޕީ އަށް ބޮޑު އަގުލަބިއްޔަތެއްދިނީ ރަށުގެ ތަރައްޤީގެ ދުވެލި ބާރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެ އިޤްތިސޯދީ އަދި އިޖްތިމާއީ ފުރުސަތުތަކެއް ފަހިވާނެކަމުގެ ފޮނި އުންމީދުުގައި ކަމަށެވެ.

އަދި މަޖިލީހުގެ ދެ ދާއިރާގެ ދެ ގޮނޑިއާއި، ސިޓީ ކައުންސިލްގެ ހަތް ގޮނޑި އަށް އެމްޑީޕީ މެންބަރުން އިންތިހާބުކޮށްދިނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުން ކުރާ މަސައްކަތްތަކުގެ އިތުރުން، މައި ސަރުކާރަށް ކުރި އުންމީދުތަކުގައި އަވަހަށް ކުލަޖެއްސުމަށް ބާރުއެޅުމުގެ ގޮތުންނާއިވެސް އެކުގައި ކަމަށެވެ،

އެހެންނަމަވެސް ސަރުކާރަށް ފަސް އަހަރު ފުރުމާއިގާތްވެފައި ވާއިރުވެސް ކުޅުދުއްފުށީގެ ތަރައްޤީއަށް ރައްޔިތުން އުންމީދުކުރިވަރާ ގާތަށްވެސް ސަރުކާރުން މަސައްކަތް ކޮށްދެއްވާފައި ނުވާކަމުގެ ޝަކުވާ ކެނޑިނޭޅި ކޮންމެދުވަހަކު އަޑުއިވޭ ކަމަށް އާތިފް ވިދާޅުވިއެވެ.

އަދި މި އަޑުތައް ސަރުކާރާ ހިސާބަށް އެތައް ފަހަރެއްގެމަތިން ލިއުމުންނާއި އަނގަބަހުން ގެންދެވިފައިވާއިރު އެ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން އަމަލީސިފައެއް ފެންނަމުން ނުދިއުމަކީސަރުކާރަށް ކުރިތާއީދު އަނބުރާގެންނާން ޖެހުނު މައިގަނޑު ސަބަބުކަމުގައި އާތިފް ވިދާޅުވިއެވެ.

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސްއިން ދީފައި ވާއިރު، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަންވެސް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!