މާލޭ ސިޓީ ކައުންސިލުން އަނެއްކާ ވެސް ބާޒާރު ބާއްވަނީ
ދެންމެ | 08 ޖުލައި 2022

މާލޭގައި އަނެއްކާ ވެސް ނައިޓް މާކެޓެއް ބާއްވަން ނިންމައި، މާލޭ ސިޓީ ކައުންސިލުން މިއަދު އެކަން އިއުލާންކޮށްފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ކައުންސިލުން އިންތިޒާމުކުރާ ނައިޓް މާކެޓް ރާވައި، ހިންގާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 20 ކުރިން އެ ކައުންސިލަށް ޕްރޮޕޯޝަލް ހުށަހަޅަން އެދިފައިވެ އެވެ.

މި އަހަރުގެ ރޯދަމަހާ ދިމާކޮށް ވެސް ސިޓީ ކައުންސިލުން މާލޭގައި ނައިޓް މާކެޓެއް ބާއްވަން އުޅުނެވެ. އެ ނައިޓް މާކެޓް ރާވައި، ހިންގަން ބަޔަކާ ހަވާލު ވެސް ކުރި އެވެ. އުސްފަސްގަނޑުގައި އެ މާކެޓް ބާއްވަން ޕްލޭނިން މިނިސްޓްރީން ހުއްދަ ހޯދައި، ވިޔަފާރިވެރިންނަށް ސްލޮޓްތައް ވެސް ދޫކުރި އެވެ.

ނަމަވެސް، ރޯދަމަސް ފެށެން ވަގުތު ކުޑަތަންވެ، އިންތިޒާމުތައް ހަމަޖައްސަން އުނދަގޫވި ކަމަށް ބުނެ އެ ނައިޓް މާކެޓް ކެންސަލްކުރި އެވެ.

ރޯދަ މަހު މާލޭގެ އެކި ތަންތަނުގައި ވަގުތީ މާރުކޭޓްތަކެއް ވެސް ހުޅުވަން ސިޓީ ކައުންސިލުން އުޅުނެވެ. އެކަމަކު، ތަރުހީބު ނުލިބުނު ކަމަށް ބުނެ އެ މަސައްކަތް ވެސް ހުއްޓާލި އެވެ.

ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އެންމެފަހުން މާލޭގައި ނައިޓް މާކެޓެއް ބޭއްވީ އާ އަހަރާ ދިމާކޮށް މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ. އެ ނައިޓް މާކެޓްގެ މުއްދަތު އިތުކުރަމުން ގޮސް ނިންމާލީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!