ލެވަންޑޯސްކީގެ ސޮއި ބާސެލޯނާއިން ހޯދައިފި
ދެންމެ | 16 ޖުލައި 2022

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ ސޮއި ބާސެލޯނާއިން ހޯދައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން, ލެވަންޑޯސްކީ, 33, ބާސާއަށް ބަދަލުވާނީ 50 މިލިއަން ޔޫރޯގެ އަގަކަށް ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓް އިތުރު 12 މަސް ދުވަހަށް އިތުރުކުރުމުގެ އިހުތިޔާރުވެސް ބާސާއަށް ލިބޭނެ އެވެ.

ކޮންޓްރެކްޓުގައި ސޮއިކުރުމުގެ ކުރިން އަންނަ ހޮނިހިރު ދުވަހު މެޑިކަލްގެ ކަންތައް ފުރިހަމަކުރުމަށް ލެވަންޑޯސްކީ ސްޕެއިނަށް ދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ލެވަންޑޯސްކީގެ ޓްރާންސްފާއާ ގުޅޭ ގޮތުން ބާސާއާއި ބަޔާންއާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ އިރު, އޭނާ ހޯދުމަށް މިދިޔަ މަހުގެ ތެރޭގައި ބާސާއިން ހުށަހެޅި 40 މިލިއަން ޔޫރޯގެ ހުށަހެޅުން ބަޔާނުން ގަބޫލުކޮށްފައެއް ނުވެ އެވެ.

ބަޔާންއަށް 2014 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ލެވަންޑޯސްކީ, ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މިދިޔަ ސީޒަން ނިމުމުން އޭނާ ވަނީ ކުލަބް ދޫކޮށްލަން ނިންމައިފަ އެވެ.

މިދިޔަ ދެ އަހަރު ފީފާއިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ, ފީފާ ބެސްޓް އެވޯޑް ހާސިލުކުރި ލެވަންޑޯސްކީ ދާން ބޭނުންވެފައި ހުރީވެސް ބާސާއަށެވެ. އަނެއްކޮޅުން އޭނާއަކީ ބާސާއިން މިފަހަރުގެ ސީޒަންގައި އެންމެ ބޮޑަށް ހޯދަން ބޭނުންވާ ކުޅުންތެރިޔާ އެވެ.

ބަޔާންގައި ހޭދަކުރި އަށް އަހަރުތެރޭ ލެވެންޑޯސްކީ ވަނީ އެ ކްލަބަށް ކުޅެދިން 375 މެޗުގައި 344 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި ބަޔާންއާއެކު ޗެމްޕިއަންސް ލީގު ތައްޓާއި އަށް ފަހަރަށް ޖަރުމަނު ލީގުވެސް ލެވަންޑޯސްކީ ކާމިޔާބު ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް