އަންނަ ފެބްއަރީ މަހުގައި ބަރުލަމާނީ ނިޒާމަށް ރާއްޖެ ހިންގަން ފެށޭނެ: ނަސީދު
ދެންމެ | 15 އޯގަސްޓް 2022

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ތާއިދު ލިބޭނެ ކަމަށެެވެ. އަދި ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެމަނިކުފާނު ގާނޫނުއަސާސީއަށް ހުށަހަޅުއްވަން ބޭނުންވާ އިސްލާހުތައް އެމްޑީޕީގެ ކޮންގްރެސްގައި ފާސްވެގެންދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްވުމާއެކު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް މިއަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަރުލަމާނީ ނިޒާމުގެ އިންތިގާލީ މަރުހަލާ ފެށިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”ފެބުރުއަރީ މަހުން ފެށިގެން ބަރުލަމާނީ ނިޒާމްގެ އިންތިގާލީ މަރުހަލާ ފެށިގެން ގޮސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެއީ ގާނޫނު އަސާސީ އިސްލާހު ކުރެވިފައިވާ ގޮތަށް ބޭއްވޭ އިންތިޚާބަކަށްވެ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި އެކުގައި އަޅުގަނޑުމެންނަށް ފުރިހަމަ ބަރުލަމާނީ ނިޒާމްގައި މަސައްކަތް ކުރަން ފެށޭނެ،.“ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ސަރުކާރު ހިންގައި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނަވާ ގޮތަށް ރައީސް މުހައްމަދު ނަޝީދު ގެންނަވަން އުޅޭ އިސްލާހްގެ ތަފްސީލް އެމަނިކުފާނު މިއަދު ވަނީ ހާމަކުރަށްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް އަށް ބަރުލަމާނީ ނިޒާމާ ގުޅޭ ގަރާރު ހުށަހަޅުއްވާނެ ކަމަށެެވެ. އަދި ކޮންގްރެސްގައި އެ ގަރާރާ މެދު ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ކޮންގްރެސްގެ ނިންމުންތައް ގަބޫލުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލުކުރުމަށްޓަކައި ވާހަކަދައްކަވަންޖެހިވަޑައިގަންނަވާ ކޮންމެ ބޭފުޅަކާ ވާހަކަދައްކަވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ތާއީދު ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީ އަކުންނެވެ. އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ މަޖިލީހުން ގޮނޑި ކާމިޔާބު ކުރާ ޕާޓީތަކާ ގުޅިގެން ސަރުކާރު އެކުލަވާލެވިދާނެ ކަމަށްވެސް ގަރާރުގައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާނީ އެކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ އަދި ވޯޓު ދިން މީހުންގެ 35 ޕަސެންޓަށްވުރެ މަތީ އަޣުލަބިއްޔަތު ހޯދާ ބޭފުޅެއް ކަމަށް އެގަރާރުގައި ބުނެފައި ވެއެވެ. ރައީސް ނަޝީދު ހުށައެޅުއްވި ގަރާރުގައި ބޮޑުވަޒީރާއި ރައީސަށް ލިބިވަޑައިގަންނަވާ ބާރު ތަކާއި ގާނޫނު އަސާސީއަށް ގެންނަން ފެންނަ ގިނަ ބަދަލުތަކެއް ވަނީ ބަޔާންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!