އަލަމްގީރަށް ހުކުމްކުރި ގާޒީ އަށް ތައުބާލައިދޭންޖެހޭ: ޑރ.އިޔާޒް
ދެންމެ | 01 ސެޕްޓެމްބަރ 2022

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ ބަންގްލަދޭޝްގެ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި ގާޒީއަށް ތައުބާލައިދޭންޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެެެވެ.

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލަމްގީރު މައްޗަށް ކުށް ސާބިތުވީ އޭނާގެ އަމިއްލަ އިއުތިރާފުންނެެވެ. އެ މައްސަލައިގައި އިއްޔެ ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަލަމްގީރު ދައުވާތަކަށް އިއުތިރާފުވެ ލުއި އަދަބެއް ދިނުމަށް ވަނީ އެދިފައެވެ.

އެމައްސަލައިގައި ހުކުމްކުރަން އާންމުންނަށް ސިއްރުން މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް މިއަދު ވަނީ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލުމަށް ފަހު ތައުބާ ލައިދެއްވާފައެވެ.

އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ފާޑުވިދާޅުވެފައެެވެ. ޑރ. އިޔާޒް ވިދާޅުވީ އެއްގޮތަކީ ޝަރީޢަތުގައި އޮންނަ އަދަބު ޤާޟީއަށް ނޭގުން ކަމަށާއި، އަނެއްގޮތަކީ ޙައްޤުގޮތް އެނގުނަސް އަމިއްލަ މަޞްލަޙަތަކަށްޓަކައި ޙުކުމް ބަދަލު ކުރުން ކަމަށެވެ. އަނެއްގޮތަކީ އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމަށްވުރެ މޮޅު ޙުކުމެއް ކުރާނަމޭ ހިތާ ޙުކުމްކުރުން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

އެއްގޮތަކީ ޝަރީޢަތުގައި އޮންނަ އަދަބު ޤާޟީ އަށް ނޭގުން،

އަނެއްގޮތަކީ ޙައްޤުގޮތް އެނގުނަސް އަމިއްލަ މަޞްލަޙަތަކަށްޓަކައި ޙުކުމް ބަދަލު ކުރުން،

އަނެއްގޮތަކީ އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމަށްވުރެ މޮޅު ޙުކުމެއް ކުރާނަމޭ ހިތާ ޙުކުމް ކުރުން. ތައުބާ ލައިދޭންވީ އަލަމްގިރި އަށް އެކަނި.

”ތައުބާލައިދޭންވީ އަލަމްގީރުއަށް އެކަންޏެއް ނޫން، ގާޒީއަށް ވެސް ތައުބާލައިދޭންޖެހޭ،“ ދީނީ އިލްމްވެރިޔާ ޑރ. އިޔާޒް ވިދާޅުވިއެވެ.

އަލަމްގީރް ގިނަ އަދަދެއްގެ ބަޔަކާ އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ލީކުވެފައެވެ. އޭނާއާއެކު އެ ހުތުރު އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ. ތަހުގީގަށް ފަހު ބަންދުން އެ މީހުން ދޫކޮށްލާފައިވާއިރު އެ މީހުންގެ މައްޗަށް ވެސް ޕީޖީ އޮފީހުން ވަނީ ދައުވާ އުފުލާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!