މި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން: ޑރ. މުއްތަލިބް
ދެންމެ | 31 މާރޗް 2026

މި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ތެރެއިން 1،190 ފްލެޓުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ދާއިމީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިފައިވާ އަސާސީ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ އިންސާނިއްޔަތަށްޓަަކައި ކޮށްދޭންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ބޯހިޔާވަހިކަމަކީ މުޖުތަމައުގެ އެކި ހާލަތުގައި ތިބި މީހުންނަށް ހާއްސަކޮށް އެކި ގިންތިއަށް ހޯދައިދޭން ޖެހޭ ކަމެއް ކަމަށާއި އެގޮތުން ބޭންކު ލޯނު މެދުވެރިކޮށް ފުރަތަމަ ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތާއި ކުޑަ އާމްދަނީ ލިބޭ ބަޔަކަށް ލީޒް-ޓު އޯންގެ ދަށުން ސޯޝަލް ހައުސިންގެ ތެރެއިން ފްލެޓު އަޅަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ނިކަމެތި، ދަތި ހާލުގައި ދިރިއުޅޭ މީހުންނަށް އިސްކަންދެވޭ ގޮތަށް މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަކަން ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރެވޭ އެންމެ ބޮޑު، އަދި އެންމެ ބޭނުންތެރި މަސައްކަތް ކަމަށާއި ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ އާއިލާތަކަކީ ބޯހިޔާވަހިކަމުގެ އާންމު ސްކީމްތަކުން ފުލެޓް ނުލިބޭ ފަރާތްތައް ކަމަށެވެ. އަދި ވަރަށް ގިނަ ފަހަރަށް އެފަދަ މީހުންނަކީ ބާކީވެ ހަވާސާކޮށްފައިވާ މީހުންނަށްވާ އިރު ސަރުކާރުގެ މަސްއޫލިއްޔަތަކީ އެންމެ ފަގީރު އަދި އެންމެ ނިކަމެތި ފަރާތްތައް ހޯދައި ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުންނަށް ދައުލަތުން ލުއިތަކާއެކު ފޯރުކޮށްދޭ ގެދޮރު ނުވަތަ ސޯޝަލް ހައުސިން ހަމަޖައްސައިދިނުމުގައި އެންމެ ނިކަމެތި ފަގީރު މީހުންނަށް އިސްކަން ދިނުމުގެ ގޮތުން، ހާއްސަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!