ސަރުކާރުގެ ކެބިނެޓަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމްގެ ނަތީޖާ އައި ގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް އަލަށް އައްޔަން ކުރެއްވި މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުންދު ވަނީ، އިންތިހާބުން ލިބުނު ނަތީޖާ ކޮންމެ ގޮތަކަށް މާނަކުރިޔަސް، ރައްޔިތުންގެ އަޑު އައްސަވައި، ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް އިންތިހާބަށް ރައީސް މުއިއްޒު ވިދާޅުވިކަން ފާހަގަކުރައްވައިފަ އެވެ.
އެ ނަތީޖާ ގަބޫލުފުޅު ކުރައްވައި ސަރުކާރު ހިންގުން ހަރުދަނާ ކޮށް އިސްލާހު ކުރައްވާނެ ކަމުގެ ޔަގީން ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ކަމަށާއި މިހާރު އެ އަޅުއްވަމުން ގެންދަވަނީ އެ ފިޔަވަޅުތައް ކަމަށް މުންދު ވިދާޅުވި އެވެ.
”ސަރުކާރަކީ އުޅަނދެއް ނަމަ އެއަށް ވުރެ ބާރު ސްޕީޑެއްގައި ދާން ޖެހޭ. އޭގަ އިން އިންޖީނެއް ބަދަލުކުރަން ވިޔަސް.“ އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި، ރައްޔިތުން ދައްކަންޖެހޭ ބިލުތަކަށް ވެސް ލުއިތަކެއް އަންނާނެ ކަމަށް މުންދު ވިދާޅުވި އެވެ.
”ޖުމްލަ ގޮތެއްގައި އާންމު ހާލަތު، ކިޔަމާ، އެއީ އަޅުގަނޑުމެންގެ ތަނަވަސްކަން ވިޔަސް ނުވަތަ ތަކެތީގެ ހަރަދު ކަމަށް ވިޔަސް ނުވަތަ ކޮންމެ ދިވެއްސަކު ދައްކަންޖެހޭ ބިލުތައް ވިޔަސް މިހުރި ކަންތައްތަކުގައި ހަމަ ލުއިތަކެއް އަންނާނެ،“ މުންދު ވިދާޅުވި އެވެ.
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އާއި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ އަދި ރައީސްކަން ލިބުނީ ވެސް އިދިކޮޅު އެމްޑީޕީއަށެވެ.
ލިބުނު ނާކާމިޔާބީއާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ހިންގަމުން އައި 20 މިނިސްޓްރީ، 15 އަށް މަދުކުރައްވައި، ހަތަރު އާ ބޭފުޅުން ވަޒީރުކަމަށް އައްޔަނުކުރައްވައިފަ އެވެ. ކެބިނެޓގެ 10 ބޭފުޅަކު މިދިޔަ ހަފުތަގައި އިސްތިއުފާ ވެސް ދެއްވި އެވެ.



