ރައީސް ނަސީދު ސުކުރާއި މަރުހަބާ އަމްރަށް
ދެންމެ | 27 މާރޗް 2023

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ އާ އެކު ހުންނެވި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެ ކުންފުނިން އިއްޔެ ވަކިކުރުމާ ގުޅިގެން އޭނާ އަށް ނަޝީދުގެ މަރުހަބާ އާއި ޝުކުރު ރޭ ދަންނަވައިފި އެވެ.

އެސްޓީއޯގެ އެމްޑީކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އަމްރު ވަކިކުރެއްވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސްގެ ބަދަލުގައި ނަޝީދުގެ ފިކުރާ އެއްކޮޅަށް އަމްރު ފާޅުގައި ނުކުންނެވުމުން އޭނާ އެ ކުންފުނިން ވަކިކުރުމަށް ބޮޑެތި ފިއްތުންތައް ކުރިމަތި ވެފައި ވަނިކޮށެވެ.

އަމްރު ވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ އާއި ނަޝީދުގެ ފެކްޝަނުން ގުޅިގެން މެނިފެސްޓޯ އެކުލަވައިލުމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ވެސް މިދިޔަ ހަފުތާގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި އިވޭ އަޑުތަކަށް ބަލާއިރު، ނަޝީދު ބޭނުންފުޅު ވަނީ ޖުމްހޫރީ ޕާޓީ/ނަޝީދުގެ ފިކުރުގެ ރަނިންމޭޓަކަށް އަމްރު ހަމަޖައްސާށެވެ.

އެސްޓީއޯ އިން އަމްރު ވަކިކުރުމާ ގުޅިގެން އެކަން ފާހަގަކުރައްވައި ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ސަރުކާރުގެ އެހެން ކުންފުނިތަކާ އަޅާކިޔާއިރު، އެސްޓީއޯ އިން މިދިޔަ ހަތަރު އަހަރު ނުވަތަ އަމްރުގެ ލީޑަޝިޕްގައި ރަނގަޅު ނަތީޖާ ނެރުނުކަން ސާފުވާނެ ކަމަށެވެ.

”ކުންފުނީގެ ފައިދާ ބޮޑު. އެހެނަސް ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓި. ކޮވިޑްގެ ހާލަތުގައި ވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓި،“ ނަޝީދު ވިދާޅުވި އެވެ.

”ހުސައިން އަމްރަށް މަރުހަބާ އާއި ޝުކުރު.“

މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވެސް އަމްރު ހުންނެވީ ނަޝީދާއެކު އެވެ. އެ ކެމްޕެއިންގައި އަމްރު ފާޅުގައި ނުކުންނެވުމުން އޭރު ވެސް އޭނާ އެސްޓީއޯ އިން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ އެތެރެއިން އެކި ފެންވަރުގެ މީހުން ފިއްތުންތައް ކުރިމަތިކުރި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!