ސަރުކާރުން މުވައްޒަފުން ވަކިކުރަނީ ސުމާރެއް ނެތި، މިއީ ބޮޑު އަނިޔާވެރި ޖަރީމާއެއް: ޝާހިދު
ދެންމެ | 21 ޖުލައި 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދަނީ އެއްވެސް އުސޫލެއް ނެތި، ސިޔާސީ ބޭނުމަށްޓަކައި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނިވަލުގައި އޮވެ، ސަރުކާރުން އެމްޑީޕީގެ އާންމު މެންބަރުންނާއި އިސްލާހަށް ލޯބިކުރާ ރައްޔިތުން މުޅި ރާއްޖެއިން ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ. އަދި މިކަން ކުރަމުންދަނީ އެއްވެސް ސުމާރެއް ނެތި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދު ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުން މި ފިޔަވަޅުތައް އަޅަމުންދަނީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހައި، ސަރުކާރު ދެމެހެއްޓުމުގެ ހީލަތްތެރި ވިސްނުމެއްގައެވެ.

އިޤްތިޞާދު ހީނަރުވެ، ޑޮލަރުގެ އަގު އިންތިހާޔަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އެތައް ރައްޔިތުންނެއް ބިކަކޮށް، ޢާއިލާތައް އިނދަޖައްސާލުމަށް ހިންގާ ”އަނިޔާވެރި ޖަރީމާއެއް“ ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.

ޝާހިދު ވަނީ ސަރުކާރުގެ ސިޔާސީ ވަޒީފާތައް ބެހުމުގައި ހިންގާ އިސްރާފާއި ކޮރަޕްޝަން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި އެފަދަ ކަންކަމަށް ބައިއަޅާ ފައިސާ ސަލާމަތްކޮށް، ރައްޔިތުންނަށް ވަޒީފާގެ ކަށަވަރުކަން ހޯދައިދިނުމަށް އޭނާ ސަރުކާރަށް އިލްތިމާސް ކުރެއްވިއެވެ.

”މިކަން ވަގުތުން ހުއްޓާލާ، ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުމުގެ އިސްރާފާއި ކޮރަޕްޝަނަށް ބައިއަޅާ ފައިސާ ސަލާމަތްކޮށް، ރައްޔިތުން ވަޒީފާގެ ކަށަވަރުކަން ނެތުމުގެ ބިރުން ސަލާމަތް ކޮށްދިނުމަށް ސަރުކާރަށް ގޮވާލަން،“ ޝާހިދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ބޭއިންސާފުން ވަޒީފާއިން ވަކިކުރާ ކޮންމެ ރައްޔިތެއްގެ ޙިމާޔަތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، އެމްޑީޕީގެ ވެރިކަމެއްގައި އެފަދަ ފަރާތްތަކަށް ބަދަލު ހޯދައިދޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، އިދިކޮޅު އެމްޑީޕީން ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!