އީރާނު ހަނގުރާމައާ އަހަރެން ދެކޮޅު: އިޒުރޭލުގެ ކުރީގެ ބޮޑުވަޒީރު
ދެންމެ | 27 ޖުލައި 2026

އީރާނާއި ދެކޮޅަށް އިތުރު ހަނގުރާމައަކާއި އުދުވާނެއް ފެށުމާއި މެދު ދެކޮޅު ހަދާ ކަމަށް އިޒުރޭލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބުނެފިއެވެ.

އިޒުރޭލުގެ މީޑިއާ އަށް ދިން މި އިންޓަވިއުގައި ބެނެޓް ވަނީ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން، އަންނަން އޮތް އިންތިޚާބުތައް ކެންސަލް ކުރުމަށް ނުވަތަ ފަސްކުރުމުގެ ބޭނުމުގައި، ނަތަންޔާހޫ އަސްކަރީ ބާރުގެ ބޭނުން ހިފައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބެނެޓް ތުހުމަތު ކުރެއެވެ.

އިޒުރޭލަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި ނާކާމިޔާބީތަކާއި ހީނަރުކަމުން ޤައުމު ސަލާމަތްކޮށް، ހަލުވި މިނެއްގައި ޤައުމު އަލުން ބިނާކުރަން އެންމެ އެކަށީގެންވާ ބޮޑުވަޒީރަކީ އޭނާ ކަމަށް ބެނެޓް ބުނެއެވެ. އަދި އޭނާއަށް ބޮޑުވަޒީރުކަން ދީފި ނަމަ ފުރަތަމަ މިނެޓުތަކުގެ ތެރޭގައި، 2023 އޮކްޓޫބަރު 7 ގައި އިޒުރޭލަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ސަބަބުތައް ހޯދުމަށް މިނިވަން ޙަޤީޤަތް ހޯދާ ކޮމިޓީއެއް އުފައްދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!