އަޅުގަނޑު ވާހަކަ ދައްކާނީ ނަތީޖާއިން، މިހާތަނަށް 590 މަޝްރޫއު ނިންމައިފިން: ރައީސް ޑރ.މުއިއްޒު
ދެންމެ | 27 ޖުލައި 2026

މި ސަރުކާރުގެ މިދިޔަ ދެ އަހަރުގެ ތެރޭގައި ކުރީ ސަރުކާރުތަކަށްވުރެ ގިނައިން މަޝްރޫއުތައް ނިންމާ، މިހާތަނަށް 590 މަޝްރޫއު ނިންމާ އެކަންކަމުގެ ހިދުމަތް ރައްޔިތުންނަށް ދެމުން އަންނަކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ މިދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް ޔާމީނާއި ރައީސް ސާލިހް ސަރުކާރުގައި ނުނިންމާ ވަރަށް މަޝްރޫއުތައް ނިންމާފައިވާކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ދެ އަހަރާ އަށެއްކަ މަސް ދުވަހުގެ ތެރޭގައި، އެކި ދާއިރާތަކުން 590 މަޝްރޫއު ނިންމާ އެކަންކަމުގެ ފައިދާ ރައްޔިތުންނަށް ލިބެމުން މިހާތު އަންނަކަމަށެވެ.

“ ކޮމްޕެއާ ކޮށްލަމާ ހިންގަވާ، މިދިޔަ ދެ ސަރުކާރުގެ ނިންމުންތަކާ، ފުރަތަމަ ދެ އަހަރާ އަށްމަސް ދުވަހަށް. ކޮމްޕެއާ ކޮށްލާއިރުގައި، މި ނިމިގެންދިޔަ ސަރުކާރުގައި މި މުއްދަތުގައި ނިންމުނީ 285 މަޝްރޫއު. އޭގެ ކުރީގެ ސަރުކާރުގެ މި މުއްދަތުގައި، ދެ އަހަރާ އަށްމަސް ދުވަހުގެ ތެރޭގައި ނިންމުނީ 321 މަޝްރޫއު. ނަތީޖާއިން އަޅުގަނޑުމެން ވާހަކަ ދައްކާނީ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުގައި މިހާރުވެސް 1635 މަޝްރޫއެއް މަސައްކަތް ހިނގަމުން އެބަދާކަމަށް ވިދާޅުވެ މިދިޔަ ދެ ސަރުކާރުގައި މި މުއްދަތިގެ ތެރޭގައި ހިނގި މަޝްރޫއތަކުގެ ހިސާބުތައްވެސް ރައީސް މުއިއްޒު މިނިވަން ދުވަހު ވަނީ ދެއްވާފައެވެ.

“ މިދިޔަ ސަރުކާރުގެ މި މުއްދަތުގެ ތެރޭގައި ހިނގަމުންދިޔައީ. 414 މަޝްރޫއު. އޭގެކުރީ ސަރުކާރުގެ މި މުއްދަތުގައި ހިނގީ 355 މަޝްރޫއު. އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއިން.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އެންމެންނަށް ހަމަހަމަކޮށް، ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއްނެތި. އިންސާފުވެރިކަމާއެކީގައި، ލާމަރުކަޒީކޮށްކަމަށެވެ. ރައީސް މުއިއްޒު ވަނީ 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު ރާއްޖޭގައި މި ސަރުކާރުން ނިންމާފައި ހުންނާނެކަންކަމުގެ ބޮޑު ލިސްޓެއް އިއްޔެ ހާމަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!