މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް: ހުތުބާ
ދެންމެ | 21 އޯގަސްޓް 2026

މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް އޮތް ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްޞަކޮށްފައިވަނީ ”މާތް ނަބިއްޔާދެކެ ލޯބިވުން“ މި މައުޟޫޢަށެވެ.

ޚުތުބާގައި ބުނީ، މާތް اللهގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ހަމައެކަނި ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި މާތް ނަބިއްޔާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ފޮނުއްވުމުގެ ކުރީގައި ދުނިޔެ އޮތީ ބޮޑުވެގެންވާ ޖާހިލިއްޔަތުކަމެއްގެ ތެރޭގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން މަދު ބަޔަކު ފިޔަވައި މީސްތަކުން އަޅުކަންކުރަމުން ދިޔައީ ބުދަށާއި، ގަސްގަހާގެއްސަށާއި، އަލިފާނަށާއި، އިންސާނުންނަށެވެ.

މީގެއިތުރުން، އިންސާނުން އަޅުންގެ ގޮތުގައި ގަނެވިއްކުމާއި، އަނިޔާވެރިކަމާއި، އަންހެންދަރިން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި، ޖުވާ އަދި ރިބާގެ މުޢާމަލާތްތައް ފަދަ އެންމެހައި ނުބައި އަމަލުތައް މުޖުތަމަޢުގައި އޮތީ ޢާންމުވެފައެވެ. މިފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މުޅި ޢާލަމްތަކަށް ރަޙުމަތެއް ކަމުގައްޔާއި ހިދާޔަތުގެ އަލިގަދަ ވޮށެއްގެ ގޮތުގައި މާތް الله އެކަލޭގެފާނު ފޮނުއްވިއެވެ.

ޚުތުބާގައި ބަޔާން ކޮށްފައިވާ ގޮތުގައި ކީރިތި ރަސޫލާއަކީ ތަޤުވާވެރިންގެ އިމާމެވެ. އަދި ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި މާތް ސާހިބާއެވެ. އެކަލޭގެފާނަށް އީމާންވުމުގެ މާނައަކީ އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ ސުންނަތަށް ޤަދަރުކޮށް އިޙުތިރާމު އަދާކުރުމެވެ. ހަމައެއއެކު އެ މީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި އެކަލޭގެފާނަށް ފުރައްސާރަކުރުމާއި ކުޑައިމީސް ބަސްތައް ބުނުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަމެއް ކަމަށާއި، އެފަދަ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ގަދަފަދަ ޢަޛާބު ހުރިކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ހަމައެހެންމެ، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމާއި، އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ، ރިވެތި އަޚުލާޤުން ޒީނަތްތެރިވުން ކަމުގައި ޚުތުބާގައި ބަޔާން ކޮށްފައިވެއެވެ. އަދި ޙަސަން ބިން ޘާބިތުގެ ވާހަކަ މިސާލަކަށް ނަންގަވައި، އެކަލޭގެފާނުގެ ދިފާޢުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ.

ޚުތުބާ ނިންމާލަމުން، މާތް اللهއަށް ތަޤުވާވެރިވެ، އާޚިރަތުގެ ކާމިޔާބީއަށް އެދި، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އުންމަތަށް ދޫކުރެއްވި ތަރިކަ ކަމުގައިވާ ކީރިތި ޤުރްއާނާއި ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށް އެންމެހައި މުސްލިމުންނަށް ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!