ޑޮލަރު އާމްދަނީން 40 ޕަސެންޓު މާރުކުމަކީ އުފުލޭނެ ބުރައެއް ނޫން، އިންޑަސްޓްރީ ފުޑުފުޑު ވެދާނެ: މަޓީ
ދެންމެ | 25 އޯގަސްޓް 2026

ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ، އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބުނެފި އެވެ.

 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހާމަކުރެއްވި ގޮތުގައި މިހާރު ހުށަހަޅާފައިވާ ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

 

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑް ބޮޑުވެގެން އުޅެނީ ސަރުކާރުތަކުން ފިޔަވަޅު އެޅުމަށް ފަސް ޖެހޭތީ ކަމަށް ކުރީގެ ގަވަރުނަރު އަލީ ހާޝިމް މިފަހުން ވަނީ ވިދާޅުވެފަ އެވެ.

 

”ސީއެންއެމް“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލީ ހާޝިމް ވިދާޅުވީ ގައުމުތަކުގައި އެތަންތަނުގައި މާލީ މުއާމަލާތް ކުރާނެ ވަކި ފައިސާއެއް ކަނޑައަޅާފައި ހުންނަ ކަމަށާއި އެ ފައިސާއަކީ އާންމުކޮށް އެގައުމެއްގެ ފައިސާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފައިސާއަކީ ދިވެހި ރުފިޔާ ކަމުގައި ވިޔަސް ދިވެހި ރުފިޔާގެ ބޭނުން ކުރަން ލާޒިމް ކުރަން ސަރުކާރުތަކުން ފަސް ޖެހޭ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

 

”ސަރުކާރަށް ބޭނުންވާ ޑޮލަރު ވެސް ގަންނަންވީ ބޭންކުތަކުން. ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ވެސް ދިވެހި ރުފިޔާއިން ދެއްކޭގޮތް ހެދިފައި ޑޮލަރު ބޭންކްތަކަށް މާރު ކުރާގޮތަށް ހަދަންވީ. ރިސޯޓްތަކުގައި ވެސް ޑޮލަރުގެ ބަދަލުގައި މާލީ މުއަމަލާތް ކުރަންވީ ދިވެހި ރުފިޔާއިން އެކަނި. ޑޮލަރުގެ ބޭނުން ވީހާ ވެސް ކުޑަ ކުރަން މި ޖެހެނީ. އެކަން ކުރެވޭނީ ޑޮލަރުން ކުރާ މުއާމަލާތްތައް ރާއްޖޭގައި މަދުވެގެން،“ އަލީ ހާޝިމް ވިދާޅުވި އެވެ.

 

އެމްއެމްއޭގެ މިއަދުގެ ނިންމުމާ ގުޅިގެން މަޓީން ނެރުނު ބަޔާނެއްގައި ވަނީ، ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ކުއްލި ބައްދަލުވުމަކަށް މަޓީގެ އެގްޒެކެޓިވް ބޯޑު އިއްޔެ ރައީސް އޮފީހަށް ހާޒިރުކުރި ކަމަށެވެ. އަދި، ގާނޫނާ ހިލާފު މުއާމަލާތްތަކެއްގެ ތެރެއިން ބޭރު ފައިސާގެ ކަޅު ބާޒާރު ހިންގުމަށާއި ޑޮލަރުގެ އަގު ބޮޑު ކުރުމުގައި ބައެއް ރިސޯޓު އޮޕަރޭޓަރުން ބައިވެރިވާ ކަމަށް ތަހުގީގުތަކުން ހާމަވި ކަމަށް، އެ ބައްދަލުވުމުގައި އެންގި ކަމަށް މަޓީން ބުންޏެވެ.

 

”ރިސޯޓުތަކުން ތެލަށާއި މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖާއި ސަޕްލައިތަކާއި ލޮޖިސްޓިކްސް އަދި ގެސްޓް ޓްރާންސްފާއަށް އަގު ދައްކަން ޖެހެނީ ޑޮލަރުން. މީގެ އިތުރުން ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތްހޯލްޑިން ޓެކްސް، އިންކަމް ޓެކްސް، ޓޫރިޒަމް ބިމު ކުލި އަދި ބޭރު ފައިސާއިން ނަގާފައިވާ ލޯނުތައް އަދާކުރަނީ ވެސް ޑޮލަރުން،“ މަޓީގެ ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާއިން 146 ރިސޯޓެއް ތަމްސީލުކުރާއިރު އެއީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑަށް އިންވެސްޓްކުރާ، ބޭރު ފައިސާ ހޯދައިދޭ އަދި މާރުކުރާ ވިޔަފާރިތައްކަން މަޓީން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ގައުމުގެ ބޭރު ފައިސާގެ ހާލަތު ހިމެނޭހެން، ގައުމީ އިގްތިސާދީ މުހިންމު ކަންކަމުގައި އެ ސިނާއަތުން އަބަދުވެސް ސަރުކާރާއެކު އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްފައިވާނެކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!