ޑީއެންއޭ ދޭން ދެކޮޅު ހެދުމުން ގޭބަންދު ކޮށްފި
ދެންމެ | 10 ނޮވެމްބަރ 2022

ކުއްޖާގެ ޑީއެންއޭ ދޭން ދެކޮޅު ހެދި އަންހެނަކު ގޭބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ގޭ ބަންދުކުރަން ހުކުމްކުރީ ކައިވެނިން ބޭރުން ބަލިވެ އިނދެ، ވިހެއި މީހަކު ދަރިފުޅުގެ ޑީއެންއޭ ދޭން ދެކޮޅު ހެދުމުންނެވެ.

އޭނާގެ މައްޗަށް އުފުލީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެވެ. އެ ދައުވާ ކުރީ، އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ޑީއެންއޭ ދޭން ދެކޮޅު ހެދުމުންނެވެ.

އެ ދައުވާގައި ވަނީ ކޯޓު އަމުރެއްގެ ދަށުން ދަރިފުޅުގެ ޑީއެންއޭ ސާމްޕަލެއް ނަގަން، އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ދިޔުމުން އެ މީހާ އެކަމަށް އިންކާރުކޮށް، ސާމްޕަލް ނަގަން ޖެހޭނީ ގަދަކަމުން ކަމަށް ބުނެ އެ ކޯޓު އަމުރު ތަންފީޒު ކުރަން ހުރަސްއަޅާފައިވާ ކަމަށެވެ. އަދި އެ ދައުވާއަށް އެ އަންހެން މީހާ ވަނީ އިއުތިރާފްވެސް ވެފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ދެ ދަރިން ބަލަމުންދާ އަދި ނުކުޅެދުންތެރިކަން ވެސް ހުންނަ މީހަކަށް ވާތީ ގާޒީ ނިންމެވީ ޖަލަށްލުމުގެ ބަދަލުގައި އޭނާއަށް ގޭބަންދުގެ ހުކުމެއް އިއްވުމަށެވެ. އަދި ދައުވާއަށް އިއުތިރާފުވުމުން އަދަބަށް ލުއި ލިބުނުއިރު، ގާޒީއަށް ލިބޭ އިހުތިޔާރުގެ ދަށުން ވެސް އޭނާގެ އަދަބު ވަނީ ލުއިކޮށްދީފައެވެ.

އެހެންކަމުން އޭނާގެ މައްޗަށް އިއްވާފައިވަނި ހަތަރު މަހާއި 24 ދުވަހުގެ ގޭބަންދުގެ ހުކުމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!