ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކޮށް، ރައްޔިތުން ފެލާލަން ފާސްކޮށްފި
ދެންމެ | 16 ނޮވެމްބަރ 2022

ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖު ކުރައްވަމުން ދަނިކޮށް ދިވެހި ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި ގޮތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އަންނަ ޖެނުއަރީމަހުން ފެށިގެން ރައްޔިތުން އަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ފާސްވެފައިވާއިރު، މިއާއެކު ޖީއެސްޓީ 6 އިންސައިން 8 އިންސައްތައަށް އަދި ޓީޖީއެސްޓީ 12 އިން 16 ޕަސެންޓަށް އުފުލިގެންދާނެއެވެ. އެއާއެކު ތަނެތީގެ އަގުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

މި ބިލަށް ވޯޓަށް އެހުން ދެދުވަސް ވަންދެން ފަސްކުރެއްވުމަށް ފަހު، މިއަދު ވަނީ ބިލުގެ ބަހުސް ކުރިއަށް ގެންދިޔުމަށް ފަހު ވޯޓަށް އަހާފައެވެ. އެގޮތުން މިއަދުގެ މަޖިލީހަށް ވަޑައިގެން ތިއްބެވި 81 މެންބަރުންގެ ތެރެއިން ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނަގަން 55 މެންބަރުން ވޯޓް ދެއްވިއެވެ. އަދި ޓެކްސް ބިލާއި ދެކޮޅަށް ވޯޓް ދެއްވީ 26 މެންބަރުންނެވެ. އެއާއެކު އަންނަ ޖަނަވަރީ މަހުން ފެށިގެން ޓެކުސް ބޮޑު ކުރާގޮތަށް މަޖިލީހުން މިވަނީ ފާސްކޮށްފައެވެ.

މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ގެންދެވީ ޖަލްސާ ކުރާ މާލަމުގައި ދިޔައީ އިހްތިޖާޖުވެސް ކުރައްވަމުންނެވެ.

ޓެކްސް ބޮޑު ކުރާ ބިލް މިއަދު މަޖިލީހުން ފާސްކޮށްފައި މިވަނީ އެ ބިލާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް އަޑު އުފުލައްވާފައިވަނިކޮށެވެ. އަދި އެ ބިލަށް ވޯޓަށް ނާއްސަވަތީ، ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ ބައެއް މެންބަރުން އެކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުން ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަންގަވަންވެސް މަޝްވަރާ ކުރައްވާފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!