ރިޒާވް ހުސްވެ، މުސާރަ ދޭން އިންޑިޔާއިން 100 މިލިޔަން ޑޮލަރުގެ ދަރަނި އަނެއްކާ ވެސް ނަގައިފި
ދެންމެ | 29 ނޮވެމްބަރ 2022

ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ އިންޑިއާ އިން ދިވެހިރާއްޖެއަށް ފޯރުކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން މި އެހީ ފޯރުކޮށްދިނުމުގެ ރަމްޒީ ޗެކު ދިވެހި ސަރުކާރާއި ޙަވާލުކޮށްދެއްވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނު މަހާވަރާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީ.އީ.އޯ ޑޯރާބާބޫ ޑަޕަރްތީއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާއި ޙަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ ޝާހިދާއި، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ވަނީ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންފައެވެ.

މިއީ މިއަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއި އެކު ކުރެވުނު މަޝްވަރާއެއްގެ ނަތީޖާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަމަޖައްސައިދިން 100 މިލިއަން އެމެރިކާ ޑޮލަރުގެ މާލީއެހީއަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މިއަދުގެ ސަރުކާރުން ކުރަމުންގެންދާ އަގުހުރި މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ދެއްކެވި ވާހަކަފުޅުގައި، މި އެހީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ އިޤްތިޞާދު ހަލުވިކަމާއިއެކު ކުރިއެރުވުމުގެ މަސައްކަތްފަހިވެގެންދާނެ ކަމުގައި އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!