މިއީ ޓެކްނޮލޮޖީގެ މައްސަލައެއް ނޫން ބޭންކްގެ ވެރިން ހިންގާ ޖަރީމާއެއް: އަފީފް
ދެންމެ | 27 ފެބްރުއަރީ 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެކަސްޓަމަރުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ އެކި ގޮތް ގޮތުން ގެއްލެމުންދަނީ ޓެކްނޮލޮޖީގެ މައްސަލަ އަކުން ނޫން ކަމަށާ، އެއީ އެ ބޭންކުގެ މުވައްޒަފުން ހިންގާ ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓު ތަކުން ފައިސާ ގެއްލޭތީ މަޖިލީހަށް މިއަދު ހުށަހެޅު ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ، އެފަދަ މައްސަލަތައް ހިނގާ ކަމުގެ އަޑު އަބަދުވެސް އިވޭ ކަމަށާ، އެހެން ނަމަވެސް އެ މައްސަލަ ހައްލު ނުވާ ކަމަށެވެ.

އަފީފް ވިދާޅުވީ، ޓެކްނޮލޮޖީގެ މި ޒަމާނުގައި، ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުމަކީ އެފަދަ ސްކޭމްތައް ހުއްޓުވުން ކަމަށާ، އެއީ އެކަންކަން ކުރުމަށް މަގުފަހި ކޮށްދިނުމަށް ހުރި ވަސީލަތްތަކެއް ނޫން ކަމަށެވެ. އަދި ބޭންކް ސްކޭމް ތަކަކީ ޓެކްނޮލޮޖީގެ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާ، އެހެނެއް ކަމަކު އެއީ ބޭންކު މުވައްޒަފުން ހިންގާ ޖަރީމާއެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

”އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއީ ޓެކްނޮލޮޖީގެ މައްސަލައެއް ކަމަކަށް. އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ އެތާ (ބީއެމްއެލް) ގައި ތިބޭ މުވައްޒަފުންގެ މައްސަލަ އެއް ކަމަށް. އެމީހުން ބައިވެރިވެގެން ހިންގޭ ޖަރީމާއެއް ކަމަށް އަޅުގަނޑަށް ބޮޑަށް ގަބޫލު ކުރެވެނީ.“ މެންބަރު ހަސަން އަފީފު

އަފީފް ވިދާޅުވީ ބޭންކަށް މީހުން ފައިސާ ލަނީ ފައިސާ ރައްކާތެރި ކުރަން ކަމަށާ، އެ ފައިސާ ރައްކާތެރިކަމާއި އެކު ބެލެހެއްޓުމަށް ބޭންކުން އެއްބަސްވާ ކަމަށެވެ. އެހެންކަމުން، ފައިސާގެ ވެރިފަރާތަށް ނޭނގި، އެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ވަދެގެންދާ ދިޔުމަކީ ބޭންކުގެ މައްސަލައެއް ކަމަށާ، އެކަމުގެ ޒިންމާ ބޭންކުން ނަގަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކަންމިހެން ހުރި ނަމަވެސް، ބޭންކުން ފައިސާ ގެއްލޭ މައްސަލަތައް ދުވަހެއް ދުވަހަށް އިތުރުވަމުންދާއިރު، އެ ފައިސާގެ ވެރިފަރާތަށް ހޯދައިދެވޭތަން ނުފެންނައިރު، އެފަދަ މައްސަލަތައް ހައްލުކުރަން ބީއެމްއެލް އިން މަސައްކަތް ކުރާތަން ނުފެންނަ ކަމަށްވެސް އަފީފު ވިދާޅުވި އެވެ.

”އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ، ބޭންކިންގެ ގާނޫނަށް ބަދަލެއް ގެނެސްގެން ނަމަވެސް، އަދި އެމްއެމްއޭގެ ގާނޫނަށް ބަދަލެއް ގެނެސްގެން ނަމަވެސް، ބޭންކުގައި ބަހައްޓާ ފައިސާ އަކީ ބޭންކުން ޒިންމާވާންޖެހޭ ފައިސާއެއް ކަމަށް، އަދި ގެއްލިއްޖެއްޔާ އޭގެ ޒިންމާ ފުރިހަމައަށް ބޭންކުން ނަގަންޖެހޭނެ ކަމަށް ގާނޫނު ބަދަލުކޮށްގެން ނަމަވެސް، ރައްޔިތުން އެތަނުގައި ބަހައްޓާ ފައިސާ، ރައްކާތެރި ކަމާއިއެކު ބެލެހެއްޓޭނެ ގޮތެއް ހޯދައިދޭން.“ މެންބަރު ހަސަން އަފީފު

މިއާއެކު އަފީފު ވަނީ، ބޭންކުގައި ފައިސާ ބަހައްޓަނީ ރައްކާތެރި ކަމާއި އެކު ބަހައްޓަން ކަމަށާ، އެއީ ގެއްލޭ ގޮތަށް ބެހެއްޓުމަށް ކުރާ ކަމެއް ނޫން ކަން ތަކުރާރު ކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް ދުވަހެއް ދުވަހަކަށް އިތުރުވާއިރު، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރުމަށް އެދިލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!