އަހަރެމެން ގަމާރީ ހޭ؟ ނޫނީ އޭނާ ގަމާރީ ހޭ؟
ދެންމެ | 04 ޖޫން 2023

ރައީސް އޮފީހުގެ ވެބްސައިޓް ޕްރޮޖެކްތަކުގެ ނަލަ ރީތި ކުރެހުންތަކުން ފުރާލައިފި އެވެ. ސިންގަޕޫރާއި އެމެރިކާއަށް ވުރެ އައްޑޫ ސިޓީ އާއި ރާއްޖޭގެ ސަރަހައްދުތައް ކުއްލިއަކަށް ތަރައްގީވެ ނިމިއްޖެ އެވެ. ގްރެފިކް ޑިޒައިނަރުންނާއި ކުރެހުންތެރިންގެ އަގު ކުއްލި އަކަށް ބޮޑު ވެއްޖެ އެވެ. ނަންވާނީ މެމްބަރު އަބުދުﷲ ޖާބިރެވެ.

ރިޔާސީ އިންތިހާބާއި ދިމާކޮށް ރައްޔިތުން ގުބޯ ހެއްދުމާއި މޮޔަ ހެއްދުމަކީ ސަރުކާރުތަކުން ގެންގުޅޭ  ސިޔާސަތެކެވެ. އެހެންނަމަވެސް މިއީ މުޅިން އެހެން ލެވެލެކެވެ. ހޭލާ ހުއްޓައި ލޯ ކުރިމައްޗައް އެދައްކާލަނީ މަގޭ ރަށާއި މަގޭ އަތޮޅު ކުއްލިއަކަށް އެމެރިކާގެ ނިއުޔޯކް ސިޓީއަށް ނުވަތަ ސިންގަޕޫރުގެ މެރީނާބޭ އަށް ބަދަލުވެގެންދާ މަންޒަރެވެ. ގަބޫލުކުރަން ދަތި ނަމަވެސް އެހެން އެބުނަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. ހަމަ އަހަރެމެން ގުބޯ ހެދެންވީ ހެއްޔެވެ؟

ޒަމާނުން ސުރެ، ކަނޑަޖަހާ ވާހަކައަކީ ދިވެހިންނަށް އާކަމެއް ނޫނެވެ. ރައީސް މައުމޫނުގެ ދިގު 30 އަހަރު ވެސް އެކަން ހިނގީ އެމަގަށެވެ. އޭރު އެކަމުގެ މައި އޮފީހެއްގެ ގޮތުގައި އޮންނަނީ ރާއްޖެތެރެއާއި ބެހޭ ވުޒާރާ އެވެ.
ޒަމާން ބަދަލުވެއްޖެ އެވެ. ސޯސިއަލް މީޑިޔާ އާއި ޓެކްނޮލޮޖީގެ ޒަމާނަށް ދުނިޔެ ބަދަލުވެއްޖެ އެވެ. ކަޑަ ޖަހާ ގޮތާއި އުސޫލަށް ވެސް ބަދަލުތަކެއް ގެނެސްފި އެވެ. އޭރު މޫދާއި ރަށުގެ އެއްގަމަށް ބޮޑު މަރުތެޔޮ ހިފައިގެން ކަތީބު ނިކުމެ ޖެހި ކަޑަ މިއަދު ފެނިގެން ދަނީ ރީތި ގްރެފިކްތަކުންނެވެ. އޭރު މުހައްމަދުބެ ބޮޑު މަރުތޭލުން ޖަހާލި ކަނޑަ މިއަދު ޖަހާލަނީ މޮޅު ގްރެފިކް ޑިޒައިނަރު އަންދު އާއި ޓީމެވެ.

ކާށިދޫ ގޮޑި ކާމިޔާބު ކުރުމަށް އަބުދުﷲ ޖާބިރު ކޭބަލް ކާރުގެ ކަޑަ އާއި އެއަރޕޯޓާއި ކަނޑު އަޑީގެ ޓަނަލުގެ ކަޑަތަކުން މުޅި ގައުމު ސިއްސުވާލި އެވެ. މިއަދު ހިންނަވަރު ސޯލިހްބެ ވެސް ޖާބިރަކަށް ދޫކުރުމެއް ނެތެވެ. މުޅި ގައުމާއި އައްޑޫގެ ރައްޔިތުން އެތިބީ ހޭކުޑާވެފަ އެވެ. އާސޯހްގެ ތަލިން ކުޅު ހިކި ބަސް ހުއްޓިފަ އެވެ.

ތެދެކެވެ. މިއީ ހޮލީވުޑްގެ ޖެކްސުމިތުގެ ފިލުމެއް ނޫނެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންނެވި ރަސްމިއްޔާތެއްގައި ރައްޔިތުންނަށް ދައްކާލި ގުބޯ މަންޒަރުތަކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ރައްޔިތުންނަށް ހާމަކޮށް ދެއްވި ތަސްވީޒުތަކެކެވެ. އަޖައިބެއްފަދަ އެވެ.

ރައީސް ސޯލިހްގެ 5 އަހަރުގެ ރިޔާސީ ދައުރު ނިމެން އެންމެ 90 ދުވަހަށް ކުޑަތަންވެފައިވާ އިރު، މިވެރިކަމުގައި ރައްޔިތުންނަށް ވެވުނު ގިނަ ވައުދުތަކާއި ފެށި މަސައްކަތްތައް ނިމޭނެ ދުވަހެއް ނޭނގެ އެވެ.

ރައްޔިތުންގެ ބޮލުގައި ބޮޑު ލޯނެއް އަޅުވައި ފެށި ބުރިޖްގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. ރައީސް ޔާމީން ފައިސާ ހޯދައި ބޮޑު ބައެއް ނިންމާފައިވާ ވެލާނާ އެއަރޕޯޓް 5 އަހަރުން ނިންމާނުލެވުނެވެ. އައްޑޫ ހަދަން ފެށި މަގުތައް ރައްޔިތުންނަށް ދުއްތުރާލަކަށް ހަދައިފި އެވެ. ރަށްރަށުގެ ރީތި މަގުތައް އަޑި ގުޑަން އޮއްވަޅު ގޮޑިއަކަށް ހަދައިފި އެވެ. މާލޭ އަމީނީ މަގު ހަދަން ފެށުނު މޮޔަ ސަރުކާރު ހިތަށް ވަދެއްޖެ އެވެ.

މަސްވެރިންނަށް ވީ ވައުދުތައް ވީގޮތެއް އިނގޭ މީހަކު ނެތެވެ. ރިސޯޓް ބޯއީސް ނައިޓަށް ގޮސް ގޮސް އެކުދިން އެތިބީ ނައިޓަށްދާން ފޫހިވެފަ އެވެ. އެތެރޭ އުދުހުންތަކުގެ އަގު ތިރި ކުރި ކުރީނުން ރައްޔިތުން އެތިބީ ކޮސްވެފަ އެވެ. ރައްޔިތުން އަތުން ސަރުކާރަށް ނަނގާ ޓެކްސް އެތައް ގުނައެއް ބޮޑުކޮށްފި އެވެ. ކޮތަޅަކުން 2 ރުފިޔާ ދަމައިގެންފި އެވެ.

ދިވެހި ކަނޑުން ބޮޑު ބައެއް ވިއްކާލައިފި އެވެ. ކޮވިޑްގެ އާލަމީ ވަބާގައި މުޅި ގައުމުގެ ނޭވާހޮޅިން ވައްކަންކޮށް ހަޒާނާ ދިރުވާލައިފި އެވެ. ގެއްލުމުގެ ބަދަލުގެ ނަމުގައި މުޅި ގައުގެ ހަޒާނާ ލޫޓުވާލައިފި އެވެ. ދިވެހިން ބިކަކޮށް ސަލާން ޖަހަން މަޖްބޫރު ކުރުވައިފި އެވެ. ވެރިކަމަށް އަންނަށް ވީ ހުރިހާ ވައުދެއް ނުފުއްދި އަނެއްކާ ތަސްވީރުތަކެއް އަނެއްކާވެސް ދައްކަން ފަށައިފި އެވެ. މޮޔަވެދާނެ ނޫން ހެއްޔެވެ؟

ތެދެކެވެ. އަޅެ އަހަރެމެން ހަމަ އެހާ ގާމާރީ ހެއްޔެވެ؟ ނޫނީ އޭނާ ގަމާރީ ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!