އެފްއޭއެމްގެ ބާރުވެެރިކަން މާލޭ ދެތިން ކުލަބަކުން ވަނީ ފޭރި ގެންފަ!
ދެންމެ | 21 ޖުލައި 2023

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ހެއްދެވި ރެކޯޑަކީ، މީގެ ކުރިން އެއްވެސް މިނިސްޓަރެއްގެ ދައުރުގައި ނާޅާ ވަރަށް ރަށްރަށުގައި ދަނޑު އެޅުއްވުމެވެ. މިނީ ޓާފާއި ފުޓްބޯޅަ ދަނޑާ އެކު ފުޓްބޯޅަ އަށް އެކަނި 110 ޕިޗް މި ސަރުކާރުން އަޅައިފި އެވެ. މާޗް މަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ދިވެހި ޓީމު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗާ ގުޅިގެން މަހްލޫފްގެ ވާހަކަ ބިނާ ކުރެއްވީ ހަމައެކަނި މާލެ އަށް ބަރޯސާވެފައި އޮތް ފުޓްބޯޅަ އަތޮޅުތެރެއަށް ގެންދިއުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެކަމަކު ގައުމީ ލީގު އަތޮޅުތަކަށް ގެންދާ ވާހަކައާ ހިސާބުން ޖެހިގެން އައި އޭޕްރީލް މަހު، ސަރުކާރުގައި ފައިސާއެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރަސްމީ ހައިސިއްޔަތު ލިބިގެން ހޯމް އެންޑް އަވޭ އުސޫލުން ގައުމީ ފެންވަރު މުބާރާތެއް އަތޮޅުތަކުގައި ކުރިއަށް ގެންދެވުނު އެއްވެސް އެސޯސިއޭޝަނެއް ނެތެވެ. ވީއޭއެމުން ފެށި ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް އޮތީ ހުއްޓިފަ އެވެ. ސެޕްޓެމްބަރު 2019 ގައި އަތޮޅުތެރެއަށް ހާއްސަކޮށް އިއުލާން ކުރި ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ފަށައިގަންނަ ގޮތެއް ނުވި އެވެ.

ޖަޒީރާ ޗެމްޕިއަންޝިޕަކީ މި ސަރުކާރުން ސީދާ އިސް ނަގައިގެން އިއުލާން ކުރި މުބާރާތެކެވެ. ކުރިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް މޮޑެލް އަށް ބާއްވަން އުޅުނު އެ މުބާރާތުގައި ކުލަ ނުޖެހި ގެއްލުނީ އެވެ.

ދެން އެފްއޭއެމުން އިއުލާން ކުރީ 2024 ގެ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށެވެ. އެ މުބާރާތް ލޯންޗުކުރުމަށް މިދިޔަ އަހަރު މާޗް މަހު ގައުމީ ފުޓްބޯޅަ ދަނޑުގައި އެފްއޭއެމުން ބޭއްވި ރަސްމިއްޔާތަށް މަހުލޫފް ވެސް ވަޑައިގެން އަތޮޅުތެރޭގެ ޓީމުތަކަށް އުންމީދެއް ދެއްވި އެވެ. އެކަމަކު މިހާރު ވިދާޅު ވަނީ ފައިސާ ނެތް ވާހަކަ އެވެ.

”ލާރި ނެތިއްޔާ ކިހިނެއް އަޅުގަނޑުމެން ހޯމް އެންޑް އަވޭ ކުޅެނީ. އެއީ ހަމަގައިމު ވެސް އަޅުގަނޑުމެންގެ މިނިސްޓްރީގައި މިއޮތް ބަޖެޓުން ކުރެވޭވަރުގެ ކަމެއް ނޫން. އެ ފައިސާ ހަމައެކަނި ފުޓުބޯޅަ އަށް ދޫކޮށްފައި. އެހެން ކުޅިވަރުތައް ދޫކޮށްލައިފަ ކުރަންވީ ކަމެއް ނޫން،“ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވި އެވެ.

ރަށްރަށުގައި ދަނޑުތައް އެބަ އަޅަ އެވެ. އެކަމަށް ހަރަދު ކުރެ އެވެ. އެކަމަކު އެ ދަނޑުތަކަކީ ހަމައެކަނި ޑްރޯންއިން ފޮޓޯ ނަގައި އެވެނި ރަށެއްގައި ދަނޑެއް އަޅައިފީމޭ ބުނަން ކުރާ ކަމަކަށް ވެގެން އޭގެ ފައިދާ ރާއްޖެ އަށް ނުކުރާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.

”އިންފްރާސްޓްރަކްޗާ މި ވަގުތު އެބައޮތް ރާއްޖޭގައި. ގިނަ ރަށްރަށުގައި ބޮޑެތި ޕިޗްތައް އަޅައިފި. (މިފަހުން ވެސް) ފުޓްބޯޅައިގެ ނަން މަޝްހޫރު ރަށެއް، ށ. ފޯކައިދޫގައި ދަނޑެއް އެ ހުޅުވީ. އެކަމަކު ކޮބައިތޯ ފޯކައިދޫގެ ކުޅުންތެރިންނަށް އޮތް މުސްތަގުބަލަކީ ލީގެއްގައި ވާދަނުކޮށްލެވޭ ކަމަށް ވަންޏާ،“ ކުރިން ދިވެހި ލީގުގައި މާލެ އަށް ކުޅެން އައި ނިލަންދޫ ސްޕޯޓްސް ކްލަބްގެ އިސް މަގާމެއް އަދާކުރައްވާ އަންވަރު އަލީ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވި އެވެ.

”އަތޮޅު ލީގު [ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން] ގައި ފޯކައިދޫން ވެސް ވާދަކުރި. އެކަމަކު ކޮބައިތޯ މެއި މަހު ފަށަން ބުނި ސެކަންޑް ރައުންޑް ޖުލައި ފަސް ވެގެންދާއިރު ވެސް ނުފެށޭ. އެހެންވީމަ އަތޮޅު ޓީމުތަކަށް ނެތް ފުރުސަތެއް ސަރުކާރުން އިންފްރާސްޓްރަކްޗާ ޑިވެލޮޕް ކުރިއަސް.“

އެކަމަކު އެފްއޭއެމުން ބުނަނީ އެ އެސޯސިއޭޝަނުން ތިބީ ލީގު ކޮލިފައިން ކުރިއަށްގެންދާ ގޮތަށް ކަމަށެވެ. އަމިއްލަ އަށް ހަރަދުކޮށްގެން ވިޔަސް ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދާނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެންމެ ފަހުން ދެއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ. މެދުކެނޑިފައިވާ ކޮލިފައިން ބުރު އަންނަ މަހު ފަށާނެ ކަމަށް ވެސް އެފްއޭއެމުން ބުނެ އެވެ. ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯއްދަވާނީ ރާއްޖޭން ބޭރުގެ ސްޕޮންސާޝިޕްގެ ދަށުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް މިހާރު ވެއްޓިފައި އޮތް މާލީ ވަޅުގަނޑާ އެކު އެއީ އެ އެސޯސިއޭޝަނަށް ކުރެވޭނެވަރުގެ ކަމެއްތޯ، ފުޓްބޯޅައިގެ ކުރީގެ އިސް ހިންގުންތެރި ބޭފުޅުން ސުވާލު އުފައްދަވަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!