ކޮމްޕިއުޓަރަކާއި ފޮތް ފަންސުރު ފަދަ ތަކެތި ހޯދުން ވެސް އިންޑިޔާގެ އަޅުވެތި ކަމުގައި!
ދެންމެ | 04 އޯގަސްޓް 2023
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އއ. ތޮއްޑޫ ސްކޫލަށް އެންމެ ކޮމްޕިއުޓަރަކާއި އެހެންވެސް ބައެއް ކުދިކުދި ސާމާނު ހަދިޔާ ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.
ތޮއްޑޫ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން އިންޑިއާ ހައިކޮމިޝަނުން އެތަކެތި ހަދިޔާކުރީ ކައުންސިލުން ހައިކޮމިޝަނުގައި އެދިގެންނެވެ.
އެގޮތުން ހަދިޔާކޮށްފައިވަނީ ކޮމްޕިއުޓަރެއްގެ އިތުރުން ޕްރިންޓަރަކާއި ލައިބްރަރީއަށް ބައެއް ފޮތްތަކެވެ.
ކައުންސިލުން އެދުނު ގޮތަށް އެތަކެތި ފޯރުކޮށްދިނުމުން ތޮއްޑޫ ކައުންސިލުން ވަނީ ހައިކޮމިޝަނަށް ޝުކުރު އަދާކޮށްފަ އެވެ.
އެއާއެކު ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ގިނަ މީހުން ފާހަގަކުރި ގޮތުގައި އެންމެ ކޮމްޕުއުޓަރަކީ މި ޒަމާނުގައި މާބޮޑު އެއްޗަކަށް ނުވާއިރު، އެ ހޯދަން އިންޑިއާ ހައިކޮމިޝަނުގައު ”ސަލާން ޖަހަން ޖެހުމަކީ“ ލަދުވެތި ކަމެކެވެ.
”ލަދުން ބޯހަލާކު! މުޅި ރަށުގައި [ތޮއްޑޫގައި] ގެސްޓްހައުސް! މުޅި ދަނޑުގައި ކަރާ! ސަލާންޖަހާހާ ދަށުދަރަޖަޔަށް ދިޔައީޔޯ؟ ރަށަށް އަރާ ގެސްޓަކު ގާތުގައި ކޮމްޕިއުޓަރުގަނޑެއް ދޭށޭ ބުނިނަމަވެސް ނޫހަކަށް ނާރާނެދޯ!،“ މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
”މިއީ އިންޑިއާއާ ނުލައި ހަމަ އެއްކަމެއްވެސް ނުކުރެވޭ ސަރުކާރެއް.“
އާންމު މީހެއްގެ އަތުންވެސް މިޒަމާނުގައި ކޮމްޕިއުޓަރެއް ލިބޭނެ ކަމަށާއި އިންޑިއާ ފަދަ ބޮޑު ގައުމަކުން އެންމެ ކޮމްޕިއުޓަރެއް ހަދިޔާކުރުމަށްފަހު އެ ވާހަކަ ސޯޝަލް މީޑިއާގައި ޖަހަން ލަދުވެސް ގަންނަން ޖެހޭނެ ކަމަށް އެކަމާ ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވެ އެވެ.
”އަހަރެމެން ރަށު ސްކޫލަށް އޭސީ އަކާއި 55 އިންޗީގެ ޓީވީއެއް އެއްފަހަރާ ދިނީ އެކުގައި އޯ ލެވެލް ނިންމި އެއް ބެޗުގެ ކުދިން. އެ ބެޗުގައި ތިބެނީ 12 ކުދިން،“ އިންޑިއާއިން އެންމެ ކޮމްޕިއުޓަރެއް ހަދިޔާކުރުމުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުންޏެވެ.
”މި ފެންވަރަށް ރާއްޖެ ވައްޓާލުމަކީ އަތްޖަހަން ޖެހޭ މޮޅު ކަމެއް ނޫން. މިއީ ލަދުގަންނަން ޖެހޭ ދެރަވަރު ކަމެއް.“
ގިނަ މީހުން ފާހަގަކުރި ގޮތުގައި ސްކޫލަކަށް ކޮމްޕިއުޓަރު ސިސްޓަމެއް ހޯދަން ވެސް އިންޑިއާގައި އެދެން ޖެހުމަކީ މި ސަރުކާރު އިންޑިއާގެ ”ދަށުވެފައިވާ މިންވަރު“ ހާމަކޮށްދޭ ކަމެކެވެ.
މި ސަރުކާރު އައި ފަހުން އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އިދިކޮޅުގެ ތުހުމަތުތަކާއެކު ވެސް އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!