އަޅުގަނޑަކީ ގޯތި ނެތް ނިކަމެތި ފަގީރެއް، އަޅުގަނޑަށް ގޯތި ނުލިބެންވީ ކީއްވެ!: ރޮޒައިނާ
ދެންމެ | 15 އޯގަސްޓް 2023

ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން 5،000 ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރި އިރު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) އަށް ގޯތި ލިބިވަޑައިގެންފައިވާތީ އާންމުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް ރޮޒައިނާ ރައްދުދެއްވައިފިއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެބޭފުޅާގެ ގޯއްޗެއް ނެތްކަމަށާއި، މާލެ މީހުންނަށް ގޯތި ދޭއިރު ރޮޒައިނާއަށް ގޯތި ނުލިބެންވީ ކީއްވެކަން ބުނެދެއްވުމަށެވެ. ރޮޒައިނާ މިގޮތަށް ޓްވީޓު ކުރެއްވީ އެބޭފުޅާ ޓެގްކޮށް މިއީ ”ހަމަ ޔޮވެރިކަން“ ތޯ މީހަކު ސުވާލު އުފެއްދުމުން އެކަމުގެ ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން، މިއީ ހަމަ ހެޔޮވެރިކަން ކަމަށާއި މާލޭގެ ރައްޔިތުންނަށް ގޯތި ދޭ އިރު ރޮޒައިނާ އަށް ގޯއްޗެއް ނުލިބެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ފާހަގަކުރައްވަމުން ރޮޒައިނާވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ސަނާ ކިޔުއްވާފައެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވައިގެން ގޯތި ލިބޭކަމުގައި ވާނަމަ، ރޮޒައިނާއަށްވުރެ ބޮޑަށް ގޯތި ހައްގުވާނެ މީހެއް މި އުޑުދަށުގައި ނުހުންނާނެކަމަށް ވިދާޅުވެފައެވެ.

”އަންނި އަށް ތާއީދު ނުކުރާ މީހުންގެ އަބުރު ކަތިލުުން ތި ގުރޫޕަށް ހަވާލުވެފަ އޮންނަ ޓާސްކަކީ“ ރޮޒައިނާ ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެފަދަ ކަންކަން ބަލައިގަންނަވަރު އެނގި ހާމަވެގެން ދާނެކަމަށާއި ދޮގުހެއްދެވުމުގައި ދެމިތިއްބެވުމަށެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!