މަގާމްގެ ދަހިވެތި ކަމުގައި ރަހިމްގެ ގުޅުން ދޫކޮށް، ޔުމްނާ ރައީސް އިބުރޭއަށް ތާއީދު ކޮށްފި
ދެންމެ | 22 އޯގަސްޓް 2023

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ނިންމަވައިފި އެވެ.

 

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ސްލޮޓުގައި މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޔުމްނާ، ރައީސް ސޯލިހުގެ ފަޅިއަށް އެރުއްވި އިރު، އޭނާގެ ކޮއްކޯފުޅު ފާރިސް މައުމޫންވެސް އިންތިހާބުގައި ވާދަކުރައްވަ އެވެ.

އެމްއާރުއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އޭނާއަށް ބައްޕާފުޅު އަދި އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަންމާފުޅު ނަސްރީނާ އިބްރާހިމްވެސް ތާއީދު ކުރައްވަ އެވެ.

ރައީސް ސޯލިިހަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވައި ޔުމްނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް އަދި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުން މުހިންމު ކަމަށެވެ.

އެމްއާރުއެމްގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރި ބައެއް ބޭފުޅުން މީގެ ކުރީން އެ ޕާޓީން ވަކިވެ ސަރުކާރަށް ތާއީދު ކުރަން ނިންމާފައިވާ އިރު، ޔުމްނާއަކީ އެމްއާރުއެމްގެ ސްލޮޓުގައި މިނިސްޓަރު ކަމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމި ފުރަތަމަ ބޭފުޅެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ދެން މިނިސްޓަރުގެ މަގާމުގައި ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އިބްރާހީމް ހަސަނެވެ. ނަމަވެސް އެ ޕާޓީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދު ގެންދަވަނީ ފާޅުގައި ފާރިސްއަށް ކެމްޕެއިން ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!