އަޅުގަނޑުވެރިކަމުގައި ނަނގާ ދަރަނި އަރަންޏަކަށް ހަދާނަން: ގާސިމް
ދެންމެ | 23 އޯގަސްޓް 2023

ޖުމުހޫރީ ޕާޓީގެ ސަރުކާރެއްގައި ދަރަނި ނަގާނީ ބޭކާރު ޚަރަދުކޮށް ކޮރަޕްޝަނަށް ދުއްވާލަން ނޫންކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ހދ. ހިރިމަރަދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ލޯނު ނުވަތަ ދަރަނި ނަގާނީ ބޭކާރު ޚަރަދުތައް ކޮށް ކޮރަޕްޝަނަށް ދުއްވާލަން ނޫން ކަމަށެވެ. އަދި ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުން ނަގާ ލޯނުތައް ހޭދަކުރާނީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގުތައް ހޯދައި ބޭރު ފައިސާ އިތުރުކުރުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

”ހުސްއެކަނި ދަރަނި ނަގާނީކީ އެހެން ޚަރަދުކޮށް ދެބައިކުޅަ އެއްބައި ކޮރަޕްޝަންގެ މަގުން ދުއްވާލަކަށެއް ނޫން، އަޅުގަނޑުމެން ލޯނެއްް ނެގިއްޔާ އޭގެ ދެބައިކޮށްފައި އެއްބަޔަށް ވާވަރު އަޅުގަނޑުމެން އިންވެސްޓް ކުރާނީ އަނެއްކާވެސް ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގުތަކަށް، ފޮރިން އެކްސްޗޭންޖް ލިބޭނެ މަގުތައް ހޯދުމަށް،“ ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޤާސިމް ވިދާޅުވިއެވެ.

އިތުރަަށް ވާހަކަފުޅު ދައްކަވަމުން ގާސިމްވަނީ ކުރީ ސަރުކާރުން ޗައިނާއިން ދަރަނި ނެގުމުން ފާޅުގައި އެއީ ދަރަނި ދަންތުރައެކޭ ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި ބައެއް ބޭފުޅުން ޗައިނާއިން ނެގި ދަރަނީގެ ދެގުނަ މިސަރުކާރުން ނެގުމުންވެސް އެއްޗެއް ވިދާާޅުނުވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ ރާއްޖޭގައި ބޭރުގައުމެއްގެ ސިފައިން ބޭތިއްބުމަކީ ރައީސުލްޖުމުހޫރިއްޔާއަށް ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!