ފައިސަލާއި މެދު އަމަލުކުރި ’އިހާނެތި‘ ގޮތުން ރައީސް އިބުރޭގެ ތާއީދު ފުވައްމުލަކުން އެއްކޮށް ވެއްޓިއްޖެ
ދެންމެ | 26 އޯގަސްޓް 2023
ނައިބުރައީސް ފައިސަލް ނަސީމުގެ އުފަން ރަށް ފުވައްމުލަކުގައި އެމަނިކުފާނާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަންކުރެއްވި ގޮތުން ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އުފެދިއްޖެއެވެ.

މި ރަށަށް އައިސް، ރަށުގެ ބައެއް މީހުންނާ ވާހަކަދައްކައިލުމުން އެނގުނުކަމަކީ މި ރަށުގައި ފައިސަލަށް ތާއީދު އެބައޮތްކަމެވެ. ނަމަވެސް އެ ތާއީދު މިފަހަރުގެ އިންތިޚާބުގައި ރައީސް އިބްރާހީމަށް ވޯޓުގެ ސިފައިގައި ނުލިބޭނެކަމަށް ގިނަ ބަޔަކު ބުނެއެވެ. ސަބަބެއްކަމަށް އެމީހުން ބުނަނީ ފައިސަލާމެދު ރައީސް ކަންކުރެއްވި ”އިހާނެތި“ ގޮތެވެ.

ފުވައްމުލަކުން ވާހަކަދެއްކި ޒުވާނަކު ބުނީ އެންމެ ފަހުން ރައީސް އެ ރަށަށް ވަޑައިގެންނެވި ދަތުރުގައި، އެ ރަށުގައި ރަނިން މޭޓު އިއުލާނުކުރާނެކަމަށް މީސްމީޑިއާގައި ޚަބަރުތައް ފަތުރައި ޕޯސްޓަރުތައް އާންމުކުރުމުން، މިފަހަރުވެސް ރައީސްގެ އިންތިޚާބީ ބައިވެރިވެރިއަކަށް ފައިސަލު އިޚުތިޔާރުކުރައްވާނެކަމަށް ބެލެވުނު ކަމަށެވެ. އަދި ފައިސަލު ދެވަނަ ފަހަރަށް ނައިބުރައީސެއްގެ ގޮތުގައި އިޚުތިޔާރުކުރައްވާނެކަމުގައި ޤަބޫލުކުރެވުނު ސަބަބުތަކެއްވެސް ހުރި ކަަމަށެެވެ.

ބައެއް މީހުން ފާހަގަކުރީ ފައިސަލަކީ ފާއިތުވި ހަތަރު އަހަރެއްހައި ދުވަހު ވަރަށް ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި ނައިބުރައީސެއް ކަމެވެ. ރައީސާ ކުނިނުޖެހި ރައީސް ބެހެއްޓެވި ހިސާބެއްގައި ހުންނަވައިގެން ފައިސަލާ ހަވާލުކުރެއްވި މަސައްކަތެއް ކުރެއްވީ އަމާނާތްތެރިކަމާއެކުކަމަށް މި ރަށުން ވާހަކަދެއްކި އެމްޑީޕީގެ ބައެއް ސަޕޯޓަރުން ބުންޏެވެ.

”ފައިސަލަކީ ވަފާތެރިއެއްކަމާމެދު މީހަކު ޝައްކެެއް ނުކުރާނެ. ފައިސަލުގެ ތެދުވެރިކަން އޮތީ ފެންނަން. ދެން ފައިސަލް އެއްލަވައިލައްވަން ރައީސް ނިންމެވުމަކީ ވަރަށް ދެރަކަމެއް،“ ފުވައްމުލަކުން ވާހަކަދެއްކި މެދު އުމުރުގެ މީހަކު ބުންޏެވެ.

އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ ރައީސް އިބްރާހީމު ފުވައްމުލަކަށް ވަޑައިގެންނެވި ދުވަހުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުތް ވަރަށް ގިނަ މީހުންނަކީ އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ނައިބުރައީސްކަމުގައި ފަސް އަހަރު ހުންނެވުމަށްފަހު ފުރަތަމަ ފަހަރަށް ދެވަނަ ދައުރު ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދު އޮތުމުން ނިކުތް މީހުންނެވެ.

”އަހަރެން ކަހަލަ ވަރަށް ގިނަ މީހުން އެތަނަށް ދިޔައީ ރައީސަށް ތާއީދުކުރާތީއެއް ނޫން، ބޮޑަށް އަހަރުމެން ދިޔައީ މި ރަށުގެ ދަރިއަކު ދެވަނަ ދައުރެއްގައި ނައިބުރައީސްކަމަށް ވަޑައިގަންނަވާނެކަމުގެ އުންމީދުގައި،“ އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެމީހުން ދެކޭ ގޮތުގައި ރައީސް އިބްރާހީމަށް ފާއިތުވި ފަސް އަހަރު ފައިސަލު ދެއްކެވީ ވަފާތެރިކަމާއި އިޚުލާސްތެރިކަމެވެ. އެ ސިފަތަކުގެ ބަދަލުގައި ފަހު ވަގުތު ރައީސްގެ ފަރާތްޕުޅުން ފައިސަލަށް ލިބިވަޑައިގަތީ ”ތެޔޮ ހަމެއް“ކަމަށް އެމީހުން ދެކެއެވެ.

”ރައީސްގެ ނިންމެވުމުގެ ނަތީޖާ މިރަށުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާނެ. މި ރަށަކުން އަޣުލަބިއްޔަތެއް މިފަހަރު ރައީސަށް ލިބިވަޑައިއެއް ނުގެންނަވާނެ،“ މި ރިޕޯޓަށް މައުލޫމާތު ދިން ޒުވާނެއް ބުންޏެވެ.

ފައިސަލަށް ރަނިންމޭޓުގެ މަޤާމު ނުދެއްވުމަށް ނިންމަވައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމު ރަނިންމޭޓުކަމަށް ރައީސް އިބްރާހީމް ހަމަޖެއްސެވި ފަހުން އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތަކުގައި ވަރަށް ހަރަކާތްތެރިކޮށް ކުރިން ފެނުނު ނައިބުރައީސް ފައިސަލްވަނީ ކެމްޕެއިނުގެ ހުރިހާ ހަރަކާތްތަކުންހެން ގެއްލިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!