ތާއީދެއް ނެތޭ ގޮވިޔަސް 130000 ވޯޓް ކަށަވަރު ކޮށްފިން: ރައީސް އިބުރޭ
ދެންމެ | 02 ސެޕްޓެމްބަރ 2023

މި ސަރުކާރުން މިހާރު ވެސް 130،000 ވޯޓު ކަށަވަރު ކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މިއަދު ރިޔާސީ އިންތިޚާބުގެ ވޯޓު ނެގިޔަސް، އެއްބުރުން އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. ނަންބަރުތަކުން މިކަން ޔަޤީން ކުރެވެނީ، އެތައް ދުވަހެއް ކުރިން ހަދަމުން އަންނަ ދިރާސާތަކުގެ އަލީގައި ކަމަށް ވެސް ވިދާޅުވިއެވެ.

”އެއީ 283،000 ކަންނޭނގެ، އެލިޖިބަލް ވޯޓަރސް، އޭގެ 90 ޕަސެންޓް ވޯޓް ލީ ކަމަށް ވިޔަސް، އަޅުގަނޑުމެންނަށް ތިބޭނީ އެއްބުރުން ކާމިޔާބު ކުރެވޭ ހިސާބުގައި.“ ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީީސް ވަނީ ރައްޔިތުންގެ ވޯޓު އިސްރާފު ވާނެ ސަބަބަކަށް ނުވެ، ވިސްނުން އިސްކޮށް އެމްޑީޕީ އާއި ގުޅުމަށް ކުދި ސިޔާސީ ޕާޓީތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ފަހަރުގެ އިންތިޚާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީ(ޖޭޕީ)އާއިއެކު ކުރެވުނު މަޝްވަރާތަކާއި ގުޅޭގޮތުން ރައީީސް ޞާލިޙު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް އެ ޕާޓީއަށަ ކަމުދާކަމަށް ބުނި ކަމަށާއި، ދެންވެސް ކޯލިޝަން ހެދޭނީ އެމްޑީޕީއާއިއެކުގައިކަންވެސް ޖޭޕީން ގަބޫލު ކުރާ ކަމަށް ރައީީސް ވިދާޅުވިއެވެ.

”އެހެންނަމަވެސް، ކައިރީގައި ތިއްބެވި ބައެއް ބޭފުޅުންގެ ވިސްނުން އެއާ އެއްގޮތް ނޫން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ.“

ރައީީސް އިތުރަށް ވިދާޅުވީ، ޤާސިމް އިންތިޚާބުގައި ވާދަ ކުރައްވަނީ މަޖުބޫރީ ޙާލަތެއްގައި ކަމަށާއި، އެކަމުގެ ތަފްސީލު ދެވެން ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!