ދުރުގައިވާ ދެމަފިރިން ލޯބި ކުރާނީ ކިހިނެއް ތަ!
ދެންމެ | 16 އޭޕްރިލް 2024

ކައިވެނިކޮށްގެން ނުވަތަ ރައްޓެހިވެގެން އުޅޭއިރު އެހެން ގައުމެއް ނުވަތަ އެހެން ރަށެއްގައި ދިރިއުޅުމަކީ ހަޔާތުގައި އެންމެ އުދަގޫ އެއްކަންތަކަށްވެގެން ހިގައިދާނެއެވެ. ދެމީހުން ދުރުގައި އުޅެން ދާންޖެހޭ ދިއުމަކީ އެންމެ އުދަގޫ އެއް ނިންމުމަށް ވެގެންދެއެވެ. އެހެންނަމަވެސް ހާލަތު ދިމާކުރާގޮތުން މިކަހަލަ ކަންކަން ދިމާވެއެވެ. ބައެއްފަހަރު ވަޒީފާގެ ގޮތުން ނުވަތަ ކިޔަވަން ފުރުސަތު ލިބުމުން އެފުރުސަތު ގެއްލުވާނުލުމަށްޓަކައި ދުވަސްކޮޅަކަށް ދެމީހުން ދުރުގައި އުޅެން މަޖުބޫރުވެގެންދެއެވެ. މިގޮތަށް ދިމާވުމުން ނަފްސާނީ މައްސަލަތައްވެސް ދިމާވާފަހަރު އާދެއެވެ. އެތައް ވަގުތެއް ދެމީހުން އެކުގައި ހޭދަކުރުމަށްފަހު ކުއްލިއަކަށް ވަޒީފާގެ ގޮތުން ދެމީހުން ދެތަނެއްގައި ދިރިއުޅެންޖެހެއެވެ. މިހެން ވުމުން އެކަކު އަނެކަކަށް ދެރަވެ އެކަމަކީ އެންމެ ހިތްދަތިކަމަށްވެސް ބުނެއެވެ. އެހެންނަމަވެސް މިކަންކަމަކީ ކެތްތެރިކަމާއިއެކު ކޮށްފިނަމަ އޭގެ ފޮނި ނަތީޖާވެސް ލިބިގެންދާނެ ކަމެކެވެ. ވިސްނާލަންޖެހޭ ކަމަކީ ދެމީހުން ދުރުގައި އުޅޭއިރު ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރާނެ ގޮތާއި، ދެމީހުން އެކަކު އަނެކަކަށް ދުޅަހެޔޮ ހަޔާތެއް އެކުގައި ވޭތުކުރާނީ ކިހިނެއް ކަމެވެ. އެކަކު އަނެކެއްގެ އިތުބާރާއި ލޯބި އެއްވަރެއްގައި ދެމެހެއްޓުމަށްޓަކައި ވިސްނާލަންވީ ނުކުތާތަކެއް ހާމަކޮށްލާނަމަވެ.

 

އެކަކު އަނެކަކަށް ވަގުތުދިނުން

 

ދެމީހުންނަކީ ދުރު ދެގައުމެއްގައި އުޅޭ ދެމީހުން ކަމުގައިވިޔަސް އެކުގައި ވާހަކަ ދައްކާލަން ކޮންމެވެސް ގަޑިއެއް ހަމަޖައްސާށެވެ. ބައެއްފަހަރު ދެގައުމުގެ ވަގުތުގެ ތަފާތުކަން ހުރުމުގެ ސަބަބުން ދިމާވާނެ ވަގުތު ހޯދަން އުަގަގޫވާ ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް ދެމީހުން ވާހަކަ ދައްކާ ދެމީހުން އެކަކު އަނެކެއްގެ އިހްސާސްތައް ހާމަކުރާ ވަގުތަކީ އެހެން އެއްވެސްކަމެއް ކުރެވިގެންވާ ވަގުތަކަށް ނުހަދާށެވެ. އެވަގުތަކީ ދެމީހުންވެސް އެކަމަށް ހުސްވެފައި ހުންނަ ވަގުތަކަށް ހަދާށެވެ އެކުގައި ލޯބިން ވާހަކަދައްކާލާ އެކަކު އަނެކަކުދެކެ ލޯބިވާކަން ހާމަކޮށް ތައުރީފުކޮށް ހަދާށެވެ. އަބަދުވެސް ދެމީހުންވެސް ހަނދާންވާ ވާހަކަ ބުނެ ބައްދަލުވާނެ ދުވަހެއްގެ އިންތިޒާރުގައި ހުރިކަން ބުނެދޭށެވެ.

 

ދެމީހުން އެކުގައި ކާން ތަނަކަށް ނުދެވުނަސް އެއްވަގުތެއްގައި ރެސްޓޯރެންޓަކަށް ގޮސް ވީޑިއޯކޯލް ކުރުން

 

ދެމީހުން އެއްވަގުތެއްގައި ތަނަކަށް ކާލަން ގޮސްލާށެވެ. ދެމީހުންނަށްވެސް އެންމެ މީރުވާހެން ހީވާކަހަލަ އެއްޗެއް ހުންނަ ތަނަކަށްގޮސް އޯޑަރުކޮށްލާށެވެ. ދުރުގައި ތިބިކަމުގައިވިޔަސް ދެމީހުންގެ އެވަގުތަކީ ’ޑޭޓް‘ ތަކަށް އެކުގައި ގޮސްއުޅޭ ވަގުތަށް ހަދާލާށެވެ. ކާއެއްޗެހީގެ މީރުވާހަކައާއި ދެމީހުން އެކުގައި ތިބެގެން ކެއުމުގެ ނަސީބު ނުލިބުނުކަމުގައިވިޔަސް ކައިރީގައި ތިބެގެން ކެވޭކަމުގެ އިހްސާސްވާނެކަން ގައިމެވެ.

 

އޮންލައިން ގޭމް ކުޅުން

 

ދެމީހުންވެސް ލައިކްވާ ކަހަލަ އޮންލައިން ގޭމެއް ހޯދާށެވެ. އެކުގައި ގޭމްކުޅެ މޮޅުވާ މީހަކު އަބަދުވެސް ހަދިޔާ ދޭން ޖެހޭނެ ކަމަށާއި ނުވަތަ ބައްދަލުވާ ފަހަރު ކާން ދޭންޖެހޭނެ ކަހަލަ ކަމެއް ރާވާލާށެވެ. ގޭމް ކުޅޭއިރު ދެމީހުންނަށް އެކުގައި އެހޭދަކޮށްލެވެނީ ވަރަށް މަޖާ ވަގުތުކޮޅެއް ކަމުގައި ހަދާލާށެވެ.

 

ދެމީހުން އެކުގައި ވީޑިއޯ ނުވަތަ ފިލްމެއް ބަލާލުން

 

އަނެއްކާވެސް ބުނެލަން އޮތީ ހިތްހަަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންނަމަ ވީޑިއޯ ކޯލެއް ކޮށްގެން އެއްގަޑިއެއްގައި ދެމީހުންވެސް އެއް ފިލްމެއް ނުވަތަ މަޖާ ވީޑިއޯއެއް ބަލާލުމުން ހޭދަކުރެވިގެންދާ ވަގުތު ވަރަށް ހިތްހަމަޖެހިގެންދާނެއެވެ. ޒަމާނާ އެއްވަރަށް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މިކަހަލަ ގޮތަކަށް ވަގުތު ހޭދަކުރުމުން ދެމީހުންގެ ލޯބި އިތުރުވެގެންދެއެވެ.

 

އެކަކު އަނެކަކަށް ސަޕްރައިޒް ދިނުން

 

ސަޕްރައިޒަކީ އެކި ގޮތްގޮތަށް ދެވިދާނެ އެއްޗެކެވެ. ދެމީހުންވެސް އެންމެ ބޭނުންވާކަހަލަ ހަދިޔާއެއް ޕޯސްޓުން ފޮނުވާލުމުން އެކޮށްލެވެނީ ވަރަށް ލޯބި ކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ އުފަންދުވަސް ނުވަތަ އެނިވާސަރީ ކަހަލަ ދުވަހެއްގައި ބައިވެރިޔާ އަށް ނާންގައި ސަޕްރައިޒެއް ދިނުމުގެ ގޮތުން ޒިޔާރަތްކޮށްލުމުން އެލިބޭ ސަޕްރައިޒާ އެވާ އުފަލަކީ ފޮތެއްގައި ލިޔެގެން ބަޔާން ކުރެވޭނެ އެއްޗެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!