119 ކިލޯގެ ހެކި: މިނިސްޓަރު އިހްސާނާއި ފުލުހަށް ލޯތްބާއި ތައުރީފް!
ދެންމެ | 17 އޭޕްރިލް 2024

މަސްތުވާތަކެތީގެ ވަބާއަކީ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމީ ސައްކު ހިނގާނެ ކަމެއް ނޫނެވެ. މަސްތުވާތަކެތީގެ ވަބާގައި ޒުވާން ޖީލު ހަލާކުވެފައިވާއިރު، އެތަކެތީގެ ވިޔަފާރި ކުރާ މަހްޖަނުންގެ މުއްސަދިކަމާއި ލިބޭ ފައިސާގެ ވާހަކައަކީ އެންމެ ދަންނަ ވާހަކަތަކެވެ.

ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގެ ސަރީއަތް ނިމި ހުކުމް ކުރުމުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި، އެ މައްސަލަ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެޖެންޑާކޮށްފައިވާއިރު، ރައްޔިތުންނަށް ކަމެއް ސާފްކޮށްދިނުމަކީ ގޯހެއް ތޯ އެވެ؟

ސަރީއަތުން ގޮތެއް ކަނޑައެޅި ހުކުމްކޮށްފައިވާ މައްސަލައެއްގެ މައުލޫމާތު ފުލުހުން ޑިމޮކްރަސީގެ ރީތި އުސޫލުތަކާއި ދެފުއް ފެންނަ ގޮތަކަށް ރައްޔިތަކަށް ކަމެއް އޮޅުން ފިލުވައި ދެއްވުމަކީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ވީގޮތެއް ނުވިސްނުނެވެ.

ދިވެހި ފުލުހުން މިމައްސަލައިގައި ކޮށްފައިވާ ބުރަ މަސައްކަތް މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ހާމަކޮށްލުމުން ރައްޔިތުންގެ ހިތުގައި ފުލުހުންނަށް ހާއްސަ ގަދަރެއް އުފުލިގެން ދިޔަ އެވެ. ފުލުހުން ކޮށްފައިވާ މަސައްކަތަށް ރައްޔިތުންގެ ތާއީދާއި ލޯބި ބަންޑުންކޮށްލި އެވެ. ފުލުހުން ހާމަ ކުރި މައުލޫމާތަކަށް ބިނާކޮށް ކޮންމެ ރައްޔިތެއްވެސް އަމިއްލައަށް ސަރީއަތް ހިންގާ ހުކުމް ކޮށްލި އެވެ. މައްސަލަ ވަރަށް ސާފެވެ.  ރާއްޖޭގެ ފަޑިޔާރުގެ ވެފައިލްވައިވާ ކަމަށް މިހާރު ވެސް ރައްޔިތުން ކުރަމުންދާ ދައުވާއަށް އިތުރު ފޯރިއެއް ލިބުނު ކަހަލަ އެވެ.

ފުލުހުންގެ ބޭއްވި ނޫސްވެރިން ބައްދަލުވުމަށް ފަހު ސޯސަލް މީޑިޔާ އާއި އެކަމާއި ގުޅޭ ހަބަރުތަކުގެ ކޮމެންޓް ސެކްސަނުން ރައްޔިތުން އުދާސްތައް ސާފުކޮށް ހާމަވެ އެވެ. އެކަމުގައި ފުލުހުން ކުރި މަސައްކަތާއި ހޯދާފައިވާ ހެކިތަކަށް ރައްޔިތުންގެ ހިތުގައި އޮތީ އިހްތިރާމާއި ލޯބެވެ.

ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން ފުލުހުން ދާދިފަހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލާގައި ލިބިފައިވާ ހެކިތަކާއި ފުލުހުން އެމައްސަލައިގައި ކޮށްފައިވާ މަސައްކަތް ވަނީ ރައްޔިތުންނަށް ހާމަކޮށްފަ އެވެ. އެ މައްސަލާގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާނެ ހެކިތައް ހުރިކަމަށް ފުލުހުން ބުނާ އިރު އެމައްސަލަ ކޯޓުގައި ސާބިތު ނުވި ސަބަބުތަކެއް ވެސް ހުންނާނެ އެވެ.

މިމައްސަލައިގައި ކްރިމިނަލް ކޯޓުން ބުނެފައި ވަނީ މިނިސްޓަރު އިހުސާނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މަމްދޫހު ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަދި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އަދި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިހާރު ތާވަލް ކޮށްފައިވާ ކަމަށެވެ.

ފަޑިޔާރުގެއިން ކޮންމެ ގޮތަކަށް ދެކުނު ކަމުގައި ވީނަމަވެސް ރައްޔިތުންގެ ހިތުގައި ހޯމް މިނިސްޓަރ އިހްސާނަށާއި ފުލުހުންނަށް އޮތީ ލޯތްބާއި ތައުރީފެވެ.

މި މައްސަލާގައި ދައުވާކޮށްފައި ވަނީ ގދ. ހޯނޑެއްދޫ އިރުމަތީގޭ އަހުމަދު ސުނައިނާއި އެރަށު އަލޯރާ އަހުމަދު މުޖާހިދުގެ އިތުރުން އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. މީގެ ތެރެއިން ޒުބައިރުގެ މައްޗައް އުމުރު ދުވަހުގެ ޖަލް ހުކުމެއް ސާބިތުވެފައިވާ އިރު އެހެން އެންމެން ކުރިމިނަލް ކޯޓުން ވަނީ މިނިވަން ކޮށްފަ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެކަމުގެ ވިޔަފާރި ކުރާ އެތައް ބަޔަކު ހައްޔަރުކޮށް އެތައް މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކޮންމެ އަހަރަކު ފުލުހުން އަތުލައިގަނެ އެވެ. އެހެންނަމަވެސް އެ މީހުންނަށް ކޮންމެ ފަނޑިޔާރުގެއިން އަދަބު ކަނޑައަޅާ ހިސާބުން ކަން ވެގެން ދަނީ ބިލާހަކަށެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!