ކިރު ބޯން އެންމެ ރަނގަޅީ ނިދުމުގެ ކުރިން!
ދެންމެ | 02 ސެޕްޓެމްބަރ 2024

ކިރަކީ ހަށިގަނޑަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ އެއްޗަކަށްވީއިރު، ކޮންމެ ރެޔަކުވެސް ނިދަން އޮށޯތުމުގެ ކުރިން ކިރުތައްޓެއް ބުއިމުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ނިދުމުގެ ކުރިން ކިރު ބުއިމުން ލިބޭ ބައެއް ފައިދާތަކެވެ.

 

ސްޓްރެސް ދަށްކޮށްދޭ

މުޅި ދުވަހު މަސައްކަތް ކުރުމާއި އެހެނިހެން ކަންކަމުގައި މަޝްޣޫލުވެ އުޅުމަށްފަހު، ރޭގަނޑު ނިދާގަޑި ޖެހޭއިރު ގިނަފަހަރަށް މީހާ ހުންނަނީ ވަރަށް ވަރުބަލިވެ ”ސްޓްރެސް“ ވެފައެވެ. ކިރަކީ އޭގައި މީހާ ހަމަޖައްސާލައިދޭ މާއްދާތަކެއް އެކުލެވުގެންވާ އެއްޗަކަށްވުމުން ރޭގަނޑު ނިދުމުގެ ކުރިން ކިރުތައްޓެއް ބުއިމުން މީހާ ފިކުރުތަކާ ދުރުކޮށްދީ ސްޓްރެސް ދަށްކޮށްދެއެވެ.

 

ބަރުދަން ލުއިކޮށްދޭ

ލޫޅާފަތި ބައްޓަމެއްގެ ވެރިއަކަށް ވުމަކީ ކޮންމެ މީހާކުވެސް ބޭނުންވާނެ ކަމެކެވެ. ރޭގަނޑު ނިދުމުގެ ކުރިން ކިރު ބުއިމުން މީހާގެ ބަރުދަން ލުއިވެ މީހާ ލޫޅާފަތިވެގެން ދެއެވެ. މިހެން މިކަން މެދުވެރިވާ ސަބަބަކީ ކިރަކީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާ އެއްޗެއް ކަމުން ކިރު ބުއިމުން ގިނައިރު ބަނޑު ފުރިފައި ހުންނަ އިހުސާސް ކުރެވި، ދަންވަރު ބަނޑުހައިވުން ކުޑަވާތީއެވެ.

 

މަސްތައް ރަނގަޅުވޭ

މުޅި ދުވަހު އެކުގައި ބުރަކޮށް އުޅުމުގެ ސަބަބުން ނިދާގަޑި ޖެހޭއިރު މީހާގެ ގައިގައި ހުންނަނީ މަސްގުޅަކައިފައެވެ. އަދި އޭގެ ސަބަބުން ގައިގައި އެހާބޮޑަށް ވޭން ވެސް އަޅައެވެ. މިކަން ހައްލުކޮށް މަސްތައް ރަނގަޅު ކުރަން ބޭނުންވާ ނަމަ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ކިރުތައްޓެއް ބޯންޖެހެއެވެ. ކިރަކީ ޕްރޮޓީން ހިމެނޭ އެއްޗެއްކަމުން ރޭގަނޑު ނިދާއިރު ކިރު ބުއިމުން ހަށިގަނޑަށް އެމިނޯ އެސިޑު ލިބޭ ވަރު އިތުރުވެ، މަސްގުޅަ ކައިފައި ހުންނަ ތަންތަން ރަނގަޅުވެއެވެ.

 

އަރާމުކޮށް ނިދޭ

ރޭގަނޑު ނިދުމުގެ ކުރިން ކިރު ބުއިމުން މުޅި ރޭ އެކުގައި އަރާމުކޮށް ނިދެއެވެ. ކިރަކީ ޓްރިޕްޓޮފަން ނަމަކަށް ކިޔާ އެމިނޯ އެސިޑެއް އެކުލެވިގެންވާ އެއްޗެކަށްވީއިރު މި އެމިނޯ އެސިޑަކީ ހަށިގަނޑުގައި ސެރެޓޮނިން އުފައްދައިދޭ އެއްޗެކެވެ. ސެރެޓޮނިންއަކީ ނިދި ރެގިއުލޭޓު ކޮށްދޭ ހޯމޯނެއް ކަމަށްވާ މެލެޓޮނިން އުފައްދައިދޭ މާއްދާއެއްކަމުން ނިދުމުގެ ކުރިން ކިރު ބޯނަމަ އަރާމު ނިންޖަކުން ނިދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!