ފިކުރު ބޮޑުވުމުން ހަޖަމާއިއެކު ސީލުމުގެ މައްސަލަ ޖެހޭ!
ދެންމެ | 05 ސެޕްޓެމްބަރ 2024

ކަންކަމާ ފިކުރު ބޮޑުވުމަކީ އޭގެ ސަބަބުން މީހާއަށް ތަފާތު އެކިކަހަލަ މައްސަލަތައް ދިމާވާ ކަމެކެވެ. މާބޮޑަށް ސްޓްރެސްވެ، އެންޒައިޓީ ނުވަތަ ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރަމުންދާމީހުންގެ ކެއުމަށް ބޮަޑެތި ބަދަލުތަކެއް އާދެއެވެ. އަދި އޭގެ ސަބަބުން ގޮހޮރުގެ އެކި މައްސަލަތައް ދިމާވެއެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ މާބޮޑަށް ފިކުރު ބޮޑުވާނަމަ ދިމާވާ ބައެއް މައްސަލަތަކެވެ.

 

ހަޖަމުގެ މައްސަލަތައް

މާބޮޑަށް މީހާ ފިކުރުބޮޑުވުމުގެ ސަބަބުން ހަޖަމުގެ ނިޒާމުގެ އެކި މައްސަލަތައް ކުރިމަތިވެއެވެ. އޭގެ ތެރޭގައި ބޭރަށް ހިނގުމާއި، ބަނޑުގައި ގޭސް އުފެދުމާއި، ބަނޑު ހަރުވުން ފަދަ މައްސަލަތައް ހިމެނެއެވެ. މިކަން މިހެންވަނީ ފިކުރު ބޮޑުވުމުގެ ސަބަބުން ގޮހޮރުގައި ލޭދައުރުވާ ގޮތަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

 

ކްރޭވިންގްތައް ގިނަވުން

މާބޮޑަށް ފިކުރު ބޮޑުވުމަކީ އޭގެ ސަބަބުން މީހާއަށް ހިތްހަމަޖައްސަދޭ ކަހަލަ ކާއެއްޗެހި ކާހިތްވުމަށް މެދުވެރިވާ ކަމެކެވެ. އާންމު ގޮތެއްގައި ސްޓްރެސް ގެ ސަބަބުން ގިނައިން ތެޔޮ ހުންނަ އެއްޗިއްސާއި ފޮނި ކާތަކެތި ކަވައެވެ. އެހެންކަމުން ގިނަ މީހުން އެމީހުންގެ ނަފްސު ހަމަޖައްސާލުމުގެ ގޮތުން މިފަދަ އެއްޗެހި ކާހިތްވުމުން އެއްވެސް ވަރަކަށް ބެލުމެއްނެތި ކާނެއެވެ. އޭގެ ސަބަބުން ވަގުތީ އުފާ ލިބުނު ކަމުގައި ވީނަމަވެސް، މީހާގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.

 

ހޮޑުލެވުން

ކަންކަމާ ފިކުރު ބޮޑުވާނަމަ ބައެއް ހާލަތްތަކުގައި މޭނުބައިކޮށް ހޮޑުލެވޭ ގޮތްވެސް ވެއެވެ. މިކަން މިހެންވަނީ އެންޒައިޓީ ގެ ސަބަބުންނެވެ. އެންޒައިޓީގެ ސަބަބުން ހަށިގަނޑަށް ބަދަލުތަކެއް އައިސް، އޭގެ ސަބަބުން ހަޖަމުގެ މައްސަލަތަކެއް ދިމާވެއެވެ. ނަތީޖާއެއްގެ ގޮތުން މީހާ މޭނުބައިކޮށް ހޮޑުލެވޭ ގޮތްވެއެވެ.

 

ކެއުމަށް ބަދަލު އައުން

ކަންކަމާ ފިކުރު ބޮޑުވާނަމަ މީހާގެ ކެއުމަށްވެސް ބޮޑެތި ބަދަލުތައް އާދެއެވެ. އެގޮތުން ބައެއް ހާލަތްތަކުގައި ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ކެވުމާއި، ބައެއް ފަހަރު އެއްވެސް އެއްޗެއް ނުކެވޭ ގޮތްވެސް ވެއެވެ. މިކަން މިހެންވަނީ ސްޓްރެސް ހޯމޯނެއް ކަމަށްވާ ކޯޓިސޮލްގެ ސަަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!