ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮންޓެންޓް އުފައްދަން ކޮންމެ މަހަކު ތިން ލައްކަ ރުފިޔާ ހަރަދުކޮށްފައި ބަޔަކު ބައިތިއްބާފައި ތިބޭއިރުވެސް ގައުމީ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދެއްވީ ލަނޑެއްކަމަށް ވިދާޅުވެ އާރުޑީސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ސަމާސާ ރާގަކަށް މޫކޭ ވަނީ ޑރ. މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އިޝާރާތް ކުރެއްވީ ނިމިގެން މިދިޔަ ގައުމީ ދުވަހާއި ގުޅިގެން ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ޕޯސްޓަށެވެ.
މޫކޭ ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރ ހޯރަފުށީ ހަލީލަކީ ވެސް މީޑިޔާގެ އެންމެ ބޮޑު ފެއިލިޔަރު ކަމަށާއި މިހާތަނަށް ކުރެއްވި އެއްވެސް މީޑިޔާ މަސައްކަތެއް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. މޫކޭ ވިދާޅުވީ ތިން ލައްކަ ރުފިޔާ މަހެއްގެ މައްޗަށް ހަރަދުކޮށް މުވައްޒަފުން ބައިތިއްބާފައި ތިބޭ ޓީމަކުން ތައްޔާރު ކުރި ޕޯސްޓުގައި ދިވެހި ދިދަ ވަނީ އިދިކޮޅަށް ޖަހާފައި ކަމަށެވެ. އަދި ކަޅުއޮއްފުއްމީގެ ކުރެހުމުގައި ރިޔާ ނަގާފައިވަނީ އޭގެ އަސްލާއި އެއްގޮތަށް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ. މޫކޭ ފާހަގަކުރައްވާފައި މިވާ ޕޯސްޓަށް ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ފާޑު ކިޔަމުން ދާކަން ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަސައްކަތް ކުރައްވަނީ ރައީސް މުއިއްޒުއާއި އިދިކޮޅަށް ކަމަށް ވިދާޅުވެ މޫކޭ ހަޖޫ ޖެއްސެވި އެވެ. ވިދާޅުވީ ”ބޮޑުވަޒީރު ޑރ. އަބްދުއްރަހީމް“ ގެ އެހީތެރިކަމާއިއެކު ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށެވެ.
މޫކޭ މިފަދައިން ވިދާޅުވެފައި މިވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސިނަމާލެ ބްރިޖުގެ އެއް ލޭނު މަދުވެގެން ރައީސް އަބްދުﷲ ޔާމީން، ރައީސް މުއިއްޒު ކީރިތި ކުރެއްވެންދެއް ”ބަވައިލި“ ކަމަށް ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަ އެވެ. އަބްދުއްރަޙީމްގެ މި ވާހަކަފުޅާއި ގުޅިގެން މުޅި ސޯޝަލް މީޑިއާގައި ބްރިޖުގެ އެއް ލޭނު މަދުކަމުގެ ވާހަކަ ދައްކަން ފަށައި ރައީސް ޑރ. މުއިއްޒުވެސް މިކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.
އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ކަނޑުން ބައެއް ބޭރު ގައުމަކަށް ވިއްކައިލިކަމަށް ބުނެ އިދިކޮޅުގައި އޮވެ ޕީއެންސީން ވާހަކަ ދެއްކިނަމަވެސް މަސްކަނޑުތައް ވިއްކަން އުޅުނީ މި ސަރުކާރުންކަމަށް މޫކޭ ތުހުމަތު ކުރެއްވި އެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ވަރަށް ބޮޑަށް މަޑުޖެހިފައި އޮތުމަށްފަހު މިދިޔަ މަހުން ފެށިގެން އެޕާޓީން ވަނީ ސިޔާސީ ހަރަކާތްތައް އިތުރުކޮށްފަ އެވެ. ނިމިގެން މިދިޔަ ހަފްތާގެ ތެރޭގައި އެޕާޓީން ވަނީ ފޯރަމްއެއްވެސް ބާއްވައިފަ އެވެ.