ބާރަށް ވެހިކަލް ދުއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަން ރައީސް އަމުރު ކުރައްވައިފި
ދެންމެ | 06 ސެޕްޓެމްބަރ 2024

ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަން ތަންފީޒުކުރަން ކަމާބެހޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރައީސް މިކަން އަންގަވާފައިމިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީ ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ އެކްސިޑެންޓްގައި މަރުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު، 23، އެވެ.

މި ހާދިސާއާ ގުޅިގެން ރައީސް ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ހިތާމަވެރި ޙާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަން ކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މި ސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރޭ ހިނގި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން ސ. ހިތަދޫ، ވައިލެޓްފެހި، ޢުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީ ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!