މީހާ މަރުވެ ކައްވަޅުގައި ވަޅުލެވުމުން އެމީހަކާއި ކުރެވޭނެ ސުވާލުތަކަށް ޖަވާބު ދެވޭނީ ތިމާގެ ރައްބަކީ ކޮބައިކަން ރަނގަޅަށް އެނގިގެންނެވެ. އެހެންކަމުން ޝާއިޢު މިކުރަނީ އެކަމަށްޓަކައި ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވަވާފައިވާ ލިޔުއްވެވުމެވެ.
1- އިންސާނާ ދެނެގަތުން ވާޖިބުވެގެންވާ ދީނުގެ ތިން އަޞްލަކީ ކޮބާ؟
ޖަވާބު: އިންސާނާ އޭނާގެ ވެރިފަރާތް މަޢުރިފާކޮށް ދެނެގަތުމާއި، އޭނާގެ ދީނަކީ ކޮބައިކަން މަޢުރިފާކޮށް ދެނެގަތުމާއި އަދި އޭނާގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢުރިފާކޮށް ދެނެގަތުމެވެ.
2- ތިބާގެ ރައްބަކީ ކާކު؟
ޖަވާބު: އަހަރެންގެ ރައްބަކީ ﷲ އެވެ. އެއީ އެއިލާހުގެ ނިޢުމަތުން އަހަރެން ހައްދަވާ އަހަރެންނަށް ރިޒުޤުދެއްވާ އަދި އަހަރެންގެ ހުރިހާ ކަންތައްތައް ބަލަހައްޓަވާ، އަދި ހުރިހާ ޢާލަމްތައް ބަލަހައްޓަވާ ފަރާތެވެ. އެއީ އަހަރެން އަޅުކަންކުރާ ފަރާތެވެ. ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. މިކަމުގެ ދަލީލަކީ މާތް ﷲ ގެ ބަސްފުޅު “الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ” الفاتحة: ٢ އެވެ. މާނައަކީ: “އެންމެހާ ތަޢުރީފާއި ޘަނާ ޚާއްޞަވެ މިލްކުވެގެންވަނީ ޢާލަމްތައް ހައްދަވާ ބޮޑުކުރައްވާ އެތަކެތި ތަރުބިއްޔަތުކުރައްވާ އެތަކެތީގެ ވެރި ﷲ އަށެވެ.” ﷲ ފިޔަވައި އެހެން ހުރިހާ އެއްޗަކީ ޢާލަމެވެ. އަދި އަހަރެންނަކީ އެޢާލަމްތަކުގެ ތެރެއިން އެކެކެވެ.
3- “ރައްބު” ގެ މާނައަކީ ކޮބާ؟
ޖަވާބު: އެއީ ވެރިފަރާތެވެ. އަޅުކަންކުރެވޭ ފަރާތެވެ. ރިޒްޤު ދެއްވާ ފަރާތެވެ. ކަންތައްތައް ބަހަހައްޓަވާ ފަރާތެވެ. އަދި އަޅުކަންކުރުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތެވެ.
4- ތިބާގެ ރައްބު ތިބާއަށް އެނގެނީ ކޮންގޮތަކުން؟
ޖަވާބު: އަހަރެންގެ ރައްބު އަހަރެންނަށް އެނގެނީ އެއިލާހުގެ އާޔަތްތަކަށާއި އެއިލާހުގެ މަޚްލޫޤުންނަށް ނަޒަރު ހިންގުމުންނެވެ. އެއިލާހުގެ އާޔަތްތަކުގެ ތެރޭގައި ރޭގަނޑާއި ދުވާލު، އިރާއި ހަނދު ހިމެނެއެވެ. އަދި އެއިލާހުގެ މަޚްލޫޤާތުތަކުގެ ތެރޭގައި ހަތް އުޑާއި ހަތް ބިމާއި އެތަންތާގައި ވާހާ އެއްޗަކާއި އެދެމެދުގައިވާހާ އެއްޗެއް ހިމެނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. “وَمِنْ آَيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ”فصلت: ٣٧ މާނައީ: ” ރޭގަނޑާއި ދުވާލާއި، އިރާއި، ހަނދަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާތަކެއްޗެވެ. ތިޔަބައިމީހުން އިރަށްވިޔަސް އަދި ހަނދަށްވިޔަސް ސަޖިދަ ނުކުރާށެވެ! އަދި އެތަކެތި ހެއްދެވި ﷲ އަށް ސަޖިދަކުރާށެވެ! (އެއީ) ހަމައެކަނި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައިވާނަމައެވެ.” އަދިވެސް މާތް ﷲ ވަޙީކުރެއްވިއެވެ. “إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ” الأعراف: ٥٤ މާނައަކީ: ” ހަމަކަށަވަރުން، ތިޔަބައިމީހުންގެ ރައްބަކީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި ﷲއެވެ. އެއަށްފަހު، އެކަލާނގެ ޢަރުޝްއަށް އިސްތަވާވެވޮޑިގެންނެވިއެވެ. އެކަލާނގެ ދުވާލުގެމައްޗަށް ރޭގަނޑު ގެންނަވައި ނިވާކުރައްވައެވެ. (ފޮރުވާލައްވައެވެ). (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗަށް) އެދިގަނެއެވެ. (ޔަޢުނީ: ރޭގަނޑު އަވަސްކަމާއެކު ދުވާލަށް އެދިގަނެއެވެ.) އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ އަމުރުފުޅަށް ކިޔަމަން ވެގެންވެއެވެ. ދަންނާށެވެ! އެންމެހާ ތަކެތި ހެއްދެވުމާއި އެންމެމާ އަމުރެއް (އަދި ޙުކުމެއް) ޚާއްޞަވެ މިލްކުވެވޮޑިގެންވަނީ ހަމައެކަލާނގެއަށެވެ. ﷲ ބަރަކާތްތެރިވެވޮޑިގެންވެއެވެ. އެއީ ޢާލަމްތަކުގެ ވެރި ރައްބެވެ.”
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =
–ޝައިޚް މުޙައްމަދު ޝާފިޢު