ބޭނުން ނުކުރާ ކަރަންޓަށް ބިލް ކުރުމަކީ ދަންނަ ކަމެއް ނޫން: ސްޓެލްކޯ
ދެންމެ | 15 ސެޕްޓެމްބަރ 2024

ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުންޏަކީ 75 އަހަރުގެ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއް ކަމަށާއި ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތް ކަމަށެވެ.

ފުޅާ ދާއިރާއެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯ އިން ބުނީ ކަސްޓަމަރުންނަށް ދޭން ބޭނުންވާ އިތުބާރާއި، ޔަޤީންކަމަކީ އެ ކުންފުނިން ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަން ކަމަށާއި އަދި މި ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެއްލެވުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ދަޢުވަތު އަރުވާ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

ރައްޔިތުންނަށް ސްޓެލްކޯއިން ކޮށްދެއްވަމުންދާ މަސައްކަތުގައި ގެންގުޅޭ އަޚްލާޤާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމީ އެ ކުންފުނިން ފަޚުރުވެރިވެ ޝުކުރުވެރިވާ ކަމެއްކަން ސްޓެލްކޯ އިން ފާހަގަ ކުރިއެވެ.

ކަރަންޓު އުފެއްދުމަށާއި ކަރަންޓު ފޯރުވައިދިނުމަށް 24 ގަޑިއިރު މެދު ނުކެނޑި ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތާއި ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިންގ ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ، ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއްކަން ސްޓެލްކޯއިން ފާހަގަ ކުރެއެވެ.

”މިދެންނެވި އުސޫލުތަކާއި ޚިލާފަށް މިކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވަން. އަދި މިއާ ޚިލާފަށް އަމަލު ކުރަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާކަމީ ހިތާމަ ހުރި ކަމެއް. އަދި ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަޞައްވުރު ނައްސި ވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން މި ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން.” ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯ އިން ރައްޔިތުންނަށް ކުރަމުންދާ އިތުބާރާއި، ޔަޤީންކަން ދެމެހެއްޓުމަށްޓަކައި އެ ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތް އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ. އަދި އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަން ސްޓެލްކޯ އިން ވަނީ ފާހަގަ ކޮށްފައެވެ.

ކަރަންޓުގެ ޚިދުމަތަށް އަގު ނެގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު ބަލާ މީޓަރަކީ ގޯތި ތެރޭގައި ގޭގެ ވެރި ފަރާތުގެ ބާރު ހިނގާ ގޮތަށް އަދި މީޓަރަށް އަރާވަރާއި ބިލު ކުރުމުން އަމިއްލައަށް ވެސް އަޅާ ކިޔޭ ގޮތަށް ހަރުކުރެވިފައި އިންނަ އެއްޗަކަށްވާއިރު މިފަދަ ވާހަކަ ތަކަކީ ބަޔަކު ގަސްތުގައި ފިތުނަ އުފެއްދުމަށް ދައްކާ، އަދި ފަތުރާ ވާހަކަތަކެއްކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!