އިސްރާއީލުން އިތުރު ހަމަލާއެއް ދީފިނަމަ، އެ ގައުމުގެ މުޅި އިންފްރާސްޓްރަކްޗާ ހަލާކުވާ ވަރުގެ ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް އީރާނުގެ ހަތިޔާރު އެޅި ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް، މޭޖާ ޖެނެރަލް މުހައްމަދު ބާގިރީ އިންޒާރު ދެއްވައިފިއެވެ.
އީރާނުގެ ވެރިރަށް ޓެހްރާންގައި ހުންނަވައި ބާގިރީ ވިދާޅުވީ، އިސްރާއީލުން އިތުރު ހަމަލާއެއް ދީފިނަމަ، އެ ގައުމުގެ އިންފްރާސްޓްރަކްޗާ ފުނޑުފުނޑުކޮށްލާނެ ކަމަށެވެ. އަދި މި ހަމަލާއަކީ އިސްރާއީލުން މިހާތަނަށް ދެކިފައިނުވާ ވަރުގެ ބޮޑު ހަމަލާއަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”އިސްރާއީލަށް އަނެއްކާވެސް އިންޒާރު މިދެނީ، އިތުރު ހަމަލާއެއް ދޭން ވިސްނައިފިނަމަ، އެމީހުންގެ މުޅި އިންފްރާސްޓްރަކްޗާ ހަލާކުވާނެ ވަރުގެ ހަމަލާއެއް ދޭނަން.“ ބާގިރީ ވިދާޅުވިއެވެ.
އިރާނުން، އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ރޭގައި ވަނީ ދީފައެވެ. މި ހަމަލާތަކުގައި އިސްރާއީލްގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންވެފައިވެއެވެ. އިރާނުން، އިސްރާއީލަށް އަމާޒުކޮށް ހަމަލާ ދިނީ، ޔަހޫދީން ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފުމަށެވެ. އިރާނުގެ މި އިންޒާރުން، މެދުއިރުމަތީގެ ސަރަހައްދުގައި އިތުރަށް ހަމަނުޖެހުން އުފެދިދާނެ ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނީ އިސްރާއީލަށް ހަމަލާދިނުމަކީ އިރާނުން ހެދި ގޯހެއް ކަމަށާއި އޭގެ އަގު ދޭން އަދާކުރަން ޖެހޭނެ ކަމަށެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވެސް ބުނީ އިރާނަށް އަދަބު ދޭނެ ކަމަށެވެ.
ރޭގެ ހަމަލާގެ ސަބަބުން މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަނުޖެހުން އިތުރުވެދާނެ ކަމަށް ބެލެވެއެވެ.