ފިރިހެނުންނަކީ ޢާންމުގޮތެއްގައި ކެއުމާއިމެދު ވަރަށް ”މޫޑީވާ ބައެކެވެ. 2، 3 ދުވަހުން އެއްދުވަހު ކީއްކުރަން؟ ހަފްތާއަކު އެއް ދުވަހު ނަމަވެސް މީރު ނޫން ކެއުން ލިބޭނަމަ ޢާންމުކޮށް ގެއިން ކައިއުޅޭ ފިރިހެނުންވެސް ގެއިން ކެއުން މަދުކޮށް ނުވަތަ ހުއްޓާލައި ރެސްޓޯރަންޓްތަކުން ކާންފެށުމަކީ ވަރަށް ޢާންމު ކަމެކެވެ. އެހސާބުން ހަމައެކަނި ޚަރަދުތައް ބޮޑުވަނީއެއްވެސް ނޫނެވެ. ގެއާއި ދުރުހެލިވެވެންވެސް ފަށަނީއެވެ.
މިއީ ޙައްލުކުރަން ވަރަށް އުނދަގޫ މައްސަލައެކެވެ. ކޮންމެ ދުވަހަކު އެއްފެންވަރަށް މީރުކޮށް ކެއްކުމަކީ ކިތަންމެ ބޮޑަށް ސަމާލުކަން ދީގެން ކެއްކި ނަމަވެސް ކުރަން ފަސޭހަކަމަކަސް ނުވާތީއެވެ.
އެހެންކަމާއިއެކުވެސް ކިތަންމެ ބުރަކޮށް އުޅެމުން ނަމަވެސް ގޭގައި ކައްކާ އެއްޗެތި ފިރިމީހާއަށް މީރުވާނެ ގޮތަށް ކެއްކޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ރަހަ ކިޔައި އިޞްލާޙްކުރަން މަސައްކަތްކުރާނީ މަދު ފިރިއެކެވެ. ގިނަ ފިރިން އަމަލުކުރާނީ ކުރިން ބުނި ގޮތަށެވެ! މާގިނަ ވާހަކަތަކެއް ނުދައްކައި ބޭރުންކާންފަށާނީއެވެ.
ފިރިމީހާ ކާން އިށީނީ މަސައްކަތުން އެނބުރި އައިސް ވަރުބަލިކަމާއިއެކުގައި ކަމަށްވާނަމަ ތަށިމަތި ބަލަހައްޓާލަދޭންވާނެއެވެ! ކިރިޔާވެސް ވަގުތުވާނަމަ ކައިނިމެންދެން ކައިރީގައި މަޑުކޮށްލުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ހަމަ އެންމެ ބޭނުމަކުއެވެ. އެކަކު އަނެކަކަށް އެހީތެރިވެދީ ކޮންމެ ކަމެއްގައިވެސް ދެމަފިރިން އެކުގައިވުމަކީ ގުޅުން ވަރަށް ބޮޑަށް ބަދަހިވާ ކަމަކަށްވާތީއެވެ! އަދި އެއީ ވާހަކަދައްކައި މަޝްވަރާކޮށްލަންވެސް ރަނގަޅު ފުރުޞަތަކަށްވާތީއެވެ.
މިޒަމާނަކީ ހަމައެކަނި އަނބިމީހާ ކައްކަން ޖެހޭ ޒަމާނެއް ނޫނެވެ. ކެއްކުމުގައި ދެމަފިރިންވެސް ބައިވެރިވެގެން ކައްކާ ޒަމާނެވެ! ވީމާ ކައިވެނީގެ ކުރީކޮޅުގައިވެސް ކެއްކުމުގައި ފިރިމީހާ ބައިވެރިކުރުވާށެވެ! އެއިރުން ކުދިން ލިބި މަސައްކަތް ބުރަވާ ދުވަހު ކުރިމަތިވާނެ މައްސަލަތައް މަދުވާނެއެވެ! ފުރަތަމަކޮޅު އެކަމަށް ސަމާލުކަން ނުދީފިނަމަ ފަހުން އާދަ ބަދަލުކުރުވަން ވަރަށް އުނދަގޫވާނެއެވެ!
މީގެ އިތުރުން ކެއްކުމުގައި ފިރިން ބައިވެރިކުރުވޭނަމަ ރަހަ ކިޔައި ”މޫޑީ“ ވުމުގެ ފުރުޞަތުވެސް ވަރަށް ބޮޑުތަނުން ކުޑަވާނެއެވެ! އެކުވެރި، އުފާވެރި ޒަވާޖީ ޙަޔާތެއް ދެމެހެއްޓުމަށް މިކަންކަމަކީ ވަރަށް މުހިންމު ކަންކަމެވެ.
މިހެން ބުނުމުން ފިރިމީހާ މަސައްކަތުން އަންނަންދެން ނުކައްކައި ގޭގައި ހުންނާނީއެއް ނޫނެވެ! އެ ބައަކު ކަންކަން ކުރަންވާނީ އެބައެއްގެ ދިރިއުޅުމާއި އެއްގޮތަށެވެ! ފިރިމީހާ އެކަނި މަސައްކަތްކުރުމާއި ދެމަފިރިން އެކުގައި މަސައްކަތްކުރުމަކީ މުޅިން ތަފާތު 2 ޙާލަތެކެވެ! ވީމާ ކޮންމެ ކަމެއްވެސް ކުރަންވާނީ އެ ދެމަފިރިއެއްގެ ޙަޔާތުގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތަށް ބަލައިގެންނެވެ!