ކަށްވަޅުގެ އަޒާބުން ސަލާމަތްވުން!
ދެންމެ | 10 އޮކްޓޯބަރ 2024

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ތިމާގެ ކައްވަޅަކީ ނުވަތަ ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭ ދުވަސްތަކަކީ ސުވަރުގޭގެ ބަގީޗާއެއްގައި ހޭދަކުރަން ލިބޭ ދުވަސްތަކަކަށް ވުމަށެވެ.

ކައްވަޅުގައިވެސް އަދި ޤިޔާމަތްދުވަހުވެސް އެއްވެސް ޢަޛާބެއް ލިބުމަކަށް ހަމައެކަކުވެސް ނުއެދޭނެއެވެ. ބިރުވެސް ގަންނާނެއެވެ. ނަމަވެސް ޢަޛާބުން ސަލާމަތްވާން މަސައްކަތްކުރެވެނީ ހާދަ މަދު މީހަކަށެވެ. ގިނަ ބައަކަށް މިކަންކަން ނުވެސް އެނގެއެވެ. ހިތާމައަކީ ދަސްކުރަން މަސައްކަތްވެސް ނުކުރެވޭ ކަމެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން ވަރަށް މުހިންމުކަމުގައި ދަންނަވަމެވެ.

لحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކަށްވަޅުގެ ޢަޛާބަކީ ޤުރުއާނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން ޘާބިތުވާ މައްސަލަ އެކެވެ. ވީމާ، ކަށްވަޅުގެ ޢަޛާބަށް އިންކާރު ކުރާނީ ދީނުގެ ޙުކުމްތަކަށް ފާޅުގައި ދެކޮޅު ހަދާ މީހެކެވެ. ސޫރަތުއްތައުބާގެ 101 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ ) މާނައަކީ:

“ތިމަންރަސްކަލާނގެ އެއުރެންނަށް ދެފަހަރު عذاب ދެއްވާހުށީމެވެ. ދެން ބޮޑުވެގެންވާ عذاب އެއްގެ ތެރެއަށް އެއުރެން ރައްދުކުރައްވާ ހުށްޓެވެ”. އަދި ޣާފިރު ސޫރަތުގެ 45، 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ ﴿٤٥﴾ النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ ﴿٤٦﴾ ) މާނައަކީ: ” އަދި އެންމެނުބައި عذاب، فرعون ގެ މީހުން ވަށައިލިއެވެ. އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ عذاب އަށް) ހުށަހަޅުއްވާނެތެވެ. އަދި قيامة ގެވަގުތު އަންނަދުވަހު (ملائكة ންނަށް އަންގަވާނެތެވެ.) فرعون ގެމީހުން އެންމެގަދަފަދަވެގެންވާ عذاب އަށް (އެބަހީ: ނަރަކަޔަށް) ވައްދަވާށެވެ!”.

މާތް ﷲ ރުއްސުންލެއްވި އަލްބައްރާއު ބިން ޢާޒިބް ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ) “ސޫރަތު އިބްރާހީމްގެ 27 ވަނަ އާޔަތް”، މިއާޔަތުގެ މާނައަކީ: ” ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ސާބިތުވެގެންވާ (حق) ބަހުން إيمان ވި މީހުންނަށް، اللَّه ސާބިތުކަން ދެއްވަތެވެ”. މިއާޔަތް ބާވާލެއްވުނީ ކައްވަޅުގެ ޢަޛާބާއި ބެހޭ ގޮތުންނެވެ. ގަބުރުގައި އޮންނަ މީހާ އާއި ސުވާލު ކުރެވޭނެއެވެ. “ކަލޭގެ ރައްބަކީ ކާކު ހެއްޔެވެ؟”، އެހިނދު މުއިމިނުން ޖަވާބުގައި ބުނާނެއެވެ. އަހަރެންގެ ރައްބަކީ ﷲ އެވެ. އަދި ނަބިއްޔަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. މިގޮތުން އީމާންވީ މީހުންނަށް ﷲ ޘާބިތުކަން ދެއްވާނެއެވެ.

މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާވެގެންވެއެވެ. (لولا أن تدافنوا لدعوت الله أن يسمعكم عذاب القبر) މާނައަކީ: “ތިޔަބައިމީހުން މައްޔިތުން ވަޅުނުލާފާނެކަމަށް ތިމަން ކަލޭގެފާނަށް ބިރު ނުހީވާނަމަ ތިޔަބައިމީހުންނަށް ކަށްވަޅުގެ ޢަޛާބު އަޑު އިއްވައިދެއްވުން އެދި ﷲ އަށް ދެންނެވީމުހެވެ”.

އަދިވެސް އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. (إِنَّ الْعَبْدَ إِذَا وُضِعَ فِى قَبْرِهِ وَتَوَلَّى عَنْهُ أَصْحَابُهُ إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ . يَأْتِيهِ مَلَكَانِ فَيَقُولاَنِ مَا كُنْتَ تَقُولُ فِى هَذَا الرَّجُلِ – يَعْنِى مُحَمَّدًا – -صلى الله عليه وسلم- قَالَ : فَأَمَّا الْمُؤْمِنُ فَيَقُولُ : أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ فَيُقَالُ لَهُ انْظُرْ إِلَى مَقْعَدِكَ فِى النَّارِ قَدْ أَبْدَلَكَ اللَّهُ مَقْعَدًا فِى الْجَنَّةِ فَيَرَاهُمَا جَمِيعًا ) މާނައަކީ: “އަޅާ ގަބުރަށް ލާފައި އޭނާގެ އަހްލުވެރިން ދާ ހިނދު އެބައިމީހުންގެ ފައިވާނުގެ އަޑުތައް މައްޔިތާ އަށް އިވޭނެއެވެ. އެހިނދު އޭނާގެ ގާތަށް ދެމަލާއިކަތުން ވަޑައިގެން ސުވާލު ކުރައްވާނެއެވެ. “މުޙައްމަދުގެ ފާނާއި ބެހޭގޮތުން ކަލޭ ބުނެއުޅުނީ ކީކޭ ހެއްޔެވެ؟”، އެހިނދު މުއިމިނުން ބުނާނެއެވެ. މުޙައްމަދުގެ ފާނަކީ ﷲ ގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެހިނދު މަލާއިކަތުން ދަންނަވާނެއެވެ. ނަރަކައިގައި ކަލެއަށް ތައްޔާރު ކުރެވިފައިވާ ތަނަށް ބަލާށެވެ. އޭގެ ބަދަލުގައި މާތް ﷲ ކަލެއަށް ސުވަރުގެއިން ތަނެއް ތައްޔާރު ކޮށް ދެއްވައިފިއެވެ. އެހިނދު ސުވަރުގެ އާއި ނަރަކައިގެ ޖަގަހަ އޭނާ އަށް ފެންނާނެއެވެ”.

(وَأَمَّا الْمُنَافِقُ وَالْكَافِرُ ، فَيُقَالُ لَهُ : مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ ؟ فَيْقُولُ : لا أَدْرِي ، كُنْتُ أَقُولُ مَا يَقُولُ النَّاسُ ، فَيُقَالُ لَهُ : لا دَرَيْتَ وَلا تَلَيْتَ ، وَيُضْرَبُ بِمَطَارِقَ مِنْ حَدِيدٍ ضَرْبَةً ، فَيَصِيحُ صَيْحَةً ، يَسْمَعُهَا مَنْ يَلِيهِ ، غَيْرَ الثَّقَلَيْنِ ) އަދި މުނާފިޤުންނާއި ކާފިރުންނާއި ސުވާލު ކުރެވޭނެއެވެ. “މުޙައްމަދުގެ ފާނާއި ބެހޭ ގޮތުން ކަލޭ ބުނެއުޅުނީ ކީކޭ ހެއްޔެވެ؟” ޖަވާބުގައި އޭނާ ބުނާނެއެވެ. ނޭނގެއެވެ. މީހުން ކިޔާ އުޅުނު އެއްޗެއް އަހަރެންވެސް ކިޔާ އުޅުނީމެވެ. އެހިނދު އޭނާ އަށް ބުނެވޭނެއެވެ. ކަލެއަކަށް ނުވެސް އެނގެއެވެ. އަދި ނުވެސް ކިޔައެވެ. އަދި ދަގަނޑު ގަޑަކުން އޭނާގެ ގައިގާ އެތިފަހަރެއް ޖެހޭނެއެވެ. އެޖެހޭ ޖެހުމުގެ އަޑު ކައިރީގައި ތިބި އިންސީންނާއި ޖިންނީން ފިޔަވާ ހުރިހާ އެއްޗަކަށް އިވޭނެއެވެ”. މިއީ ބުޚާރީ އާއި މުސްލިމްގެ ރިވާޔަތެކެވެ.

 

ކަށްވަޅުގެ ޢަޛާބު ލިބޭ ސަބަބުތައް:

ކަށްވަޅުގެ ޢަޛާބު ލިބެން މެދުވެރިވާ ސަބަބުތައް ބަޔާން ކުރައްވާ އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ﷲ މަޢްރިފާކޮށް ދެނެނުގަނެވުމުގެ ސަބަބުންނާއި، ﷲ ގެ އަމުރުފުޅުތައް ނަގާލުމުންނާއި، އަދި ﷲ ނަހީ ކުރެއްވި ފާފަތަކަށް އަރައިގަތުމުން ކައްވަޅުގެ ޢަޛާބު ލިބެއެވެ. ދުނިޔޭގައި ﷲ ނަހީ ކުރެއްވި ކަންތަކަށް އަރައިގަނެ ތައުބާ ނުވެ ހުއްޓާ މަރުވެއްޖެ މީހާ އަށް ﷲ ތަޢާލާ ކައްވަޅުގައި ޢަޛާބު ދެއްވަތެވެ. ކައްވަޅުގެ ޢަޛާބު ލިބޭނެ ކަމުގެ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ބައެއް ފާފަތައް ތިރީގައި މިވަނީއެވެ.

 

1- ދެބައޮޑުވުމުމާއި ޣީބަ ބުނުން،

 

2- ކުޑަކަމުދާ އެއްޗެތިން ސަލާމަތް ނުވެވުން.

 

3- ވުޟޫނުކޮށްހުރެ ނަމާދު ކުރުން.

 

4- ދޮގު ހެދުން.

 

5- ނަމާދު ނުކުރުން.

 

6- ޒަކާތް ނުދިނުން.

 

7- ޒިނޭ ކުރުން.

 

8- ވައްކަން ކުރުން.

 

9- ޚިޔާނާތް ތެރިކަން.

 

10- މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދުން.

 

11- ރިބާ ކެއުން.

 

12- އަނިޔާލިބޭ މީހާ އަށް ނަޞްރު ނުދިނުން.

 

13- ރާބުއިން.

 

14- ބޮޑާކަމާއިއެކުގައި ފައިކުރި ތިރިކޮށްފައި ބެހެއްޓުން.

 

15- ޙައްޤަކާއި ނުލާ މީހުންމެރުން.

 

16- ޞަޙާބީންނަށް ބަދު ބަސް ބުނުން.

 

17- ބިދުޢަވެރިއެއްގެގޮތުގައި މަރުވުން.

 

ކަށްވަޅުގެ ޢަޛާބު ލިބެނީ ހަމައެކަނި ވަޅުލެވިފައިވާ މީހާ އަށްބާ؟

 

ކަށްވަޅުގައި ސުވާލު ކުރެވެނީ ހަމަ އެކަނި ވަޅުލެވިފައިވާ މީހުންނަކަށް އެކަންޏެއް ނޫނެވެ. މައްޔިތާ ޞަހަރާ އަކަށް އެއްލާލެވުނަސް، މޫދަށް ގަންބާލެވުނަސް، ނުވަތަ އަންދާލެވުނަސް ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ މައްޔިތާ އާއި ސުވާލު ކުރައްވާނެއެވެ. ސުވާލު ކުރެވޭނީ ރޫޙާ އެވެ. މައްޔިތާގެ ހަށިގަނޑު ކޮންމެ ތަނަކަށް އެއްލައިލި ނަމަވެސް އޭނާގެ ރޫޙު ހުންނާނީ ސަލާމަތުންނެވެ. އެހެންކަމުން ރޫޙާއި ސުވާލުވެވި ރަގަޅަށް އުޅެފައިވާނަމަ ނިޢްމަތް ދެއްވާ، ގޯސްކޮށް އުޅެފައިވާނަމަ ޢަޛާބު ދެއްވާނެއެވެ.

 

އިންސާނާގެ ހަށިގަނޑަށްވެސް ރަގަޅަށް އުޅެފައިވާ މީހެއްގެ ހަށިގަނޑެއްނަމަ ނިޢްމަތް ދެއްވާ، ގޯސްކޮށް އުޅެފައިވާ މީހެއްގެ ހަށިގަނޑެއްނަމަ ޢަޛާބު ދެއްވާނެއެވެ. އެގޮތަކީ ކޮބައިކަމެއް ދެނެވޮޑިގެންވަނީ ﷲ އެވެ. އަހަރުމެންނަށް އެކަން އެނގިގެންނެއް ނުވެއެވެ. މިއީ ބަރްޒަޚުގެ ވާހަކައެވެ. ގިޔާމަތް ދުވަހުން ހަށިގަނޑާއި ރޫޙު އެއް ކުރައްވާ ދެއެއްޗަށްވެސް ޖަޒާ ދެއްވާނެއެވެ. މާތް ﷲ އަހަރުމެން އެންމެންނަށް ކައްވަޅަކީ އަލިތަނެއް ކަމުގައި ލައްވާށި، އަދި އެއީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާ އެއް ކަމުގައި ލައްވާށި. އާމީން.

 

والله أعلم

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!