ރޫހަށް އަނިޔާ ނުކުރޭ!
ދެންމެ | 16 އޮކްޓޯބަރ 2024

އަނިޔާ ދެގޮތަކަށް މާނަކޮށްލާނަމެވެ. ފުރަތަމަ ގޮތަކީ ނފަސަށް ކުރާ އަނިޔާއެވެ. ނުވަތަ ޖިސްމާނީ އަނިޔާއެވެ. ތަދުފިލުމުން އެއަނިޔާއަށް މާފުކުރެވިދާނެއެވެ. ދެވަނަ ބާވަތަކީ ރޫޙަށް ކުރާ އަނިޔާއެވެ. އެއީ ހިތްދަތިވާގޮތަށް ކަންކަންކުރުމުން ލިބޭ އަނިޔާއެވެ. އެބާވަތުގެ އަނިޔާއަށް މާފުކޮށްފިން ކަމަށް ދުލުން ބުނި ނަމަވެސް ހިތުން މާފުކުރެވެނީ މަދު މީހަކަށެވެ.

ރޫހަށް އަނިޔާ ލިބުމުންވެސް ޢާއިލީ ގުޅުންތައް ދަމަހައްޓާނެއެވެ. އެއީ އަމިއްލަ ޢާއިލާ އާއި ވަކިނުވެވޭނެތީއެވެ. އަދި ހަމައެފަދައިން ދަރިން ލިބިފައި ތިބުން ފަދަ ކަންކަމާއި ގުޅިގެން ޒަވާޖީ ޙަޔާތުގެ ގުޅުންވެސް ދަމަހައްޓައިފާނެއެވެ. އެއީ ވަކިވެވެން ނެތުމުންނެވެ. މަޖުބޫރީ ޙާލަތުގައެވެ.

މިދެޙާލަތުގައި ރޫޙަށް ލިބުނު އަނިޔާގެ ވާހަކަ ނުދެއްކި ނަމަވެސް އަދި ޝަކުވާ ނުކުރިނަމަވެސް ހިތުގައި އެކަން އޮވެއެވެ. ހިތުން އެކަންކަން ފިލުވައިލެވެނީ ވަރަށް މަދުމީހަކަށެވެ. ވީމާ އެއްވެސް މީހެއްގެ ރޫޙަށް އަނިޔާލިބޭނެ ފަދަ ކަމެއް ނުކުރާށެވެ! އެފަދަ އަނިޔާއެއްކޮށްފައި މާފުލިބޭނެ ކަމަށް އުންމީދުނުކުރާށެވެ! މާނައަކީ މާފުލިބޭނެ ކަމަށް ބަލައިގެން އެފަދަ އަނިޔާއެއް ނުކުރާށެވެ!

މިކަމުގައި އެންމެ ބޮޑަށް ވިސްނަންވާނީ ދެމަފިރިންނެވެ. އަނެކާގެ ހިތުގައި ނުޖައްސުވާށެވެ! އެކަންވެގެންދާނީ އޭނާގެ ރޫޙަށް ކުރެވޭ އަނިޔާއަކަށެވެ. ކުރިން މިބުނި ފަދައިން އެފަދަ ކަމެއް ކުރުމުން މަޖުބޫރީ ޙާލަތެއް އޮވެގެން ދެމީހުން އެކުގައި ދިރިއުޅުނަސް ދިރިއުޅުމުގެ އުފާވެރިކަން ގިނަފަހަރު އޮންނާނީ ގެއްލިފައެވެ. އެކަން އަނބުރައި ހޯދުމަކީ ކުރަން އެންމެ އުނދަގޫ އެއްކަންތަކެވެ. ބައިވެރިޔާ މާފުކުރާނެ ކަމަށް ބަލައިގެން އޭނާގެ ހިތަށް އަނިޔާލިބޭފަދަ ކަންކަން ނުކުރަންވީ ސަބަބަކީވެސް އެއީއެވެ.

އިސްލާމް ދީނުގައި ހުރިހާ ބާވަތެއްގެ އަނިޔާ އެހައިބޮޑަށް މަނާކުރައްވަވާފައިވާ ސަބަބަކީވެސް އަނިޔާގެ ސަބަބުން ލިބޭނެ ބޮޑެތި ދެރަތަކެވެ. ގެއްލުންތަކެވެ. އެކަންކަން ފޫނުބެއްދޭނެތީއެވެ.

 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!