ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން ހުޅުމާލެއަށް ”ބައިކް ޝެއަރިން“ ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ”ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓް“ ނުވަތަ ދަތުރުފަތުރު ކުރަމަށް ބޭނުންކުރާ އުޅަނދުފަހަރުން ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ހިންގާ މަޝްރޫއުތަކުގެ ދަށުން ހުޅުމާލޭގައި ބައިކް ޝެއަރިން ސްކީމެއް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށެވެ.
އެ ސްކީމް ފެށުމަށްޓަކައި އިލެކްޓްރިކް ޕެޑަލް އެސިސްޓެޑް ނުވަތަ 100 ބެޓަރި ބައިސިކަލް އެޗްޑީސީއާ ހަވާލުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ތޯރިގް ވިދާޅުވި އެވެ.
”ވަރަށް އަވަހަށް މި ބައިސިކަލްތައް ގެނައުމުގެ ޕްރޮގްރާމްގައި އަޅުގަނޑުމެން އެޗްޑީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރާނަން،“ އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި، މި ބައިސިކަލްތަކަށް ބޭނުންކުރާ ބެޓަރި ސޯލާ ހަކަތައިން ޗާޖުކުރެވޭނެ ގޮތަށް ސޯލާ ޗާޖިން ސްޓޭޝަންތައް ވެސް ހުޅުމާލޭގައި ހަދާނެ އެވެ.
ހުޅުމާލޭގައި މި ސްކީމް ފެށުމަށް ކުރަން ޖެހޭ ދިރާސާތައް ނިމި، ފައިސާގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސްކީމްއާ ގުޅޭ އިތުރު ތަފުސީލު ސަރުކާރުން އަދި ނުދެ އެވެ. އެކަމަކު، ބައިކް ޝެއަރިން ސްކީމަކީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ބޮޑެތި ސިޓީތަކުގައި މިހާރު ވެސް އާންމުކޮށް ލިބޭ ހިދުމަތެކެވެ.
ދުބާއީ ކަހަލަ ސިޓީތަކުގައި މި ސްކީމް ހިންގަ އެވެ. އެއީ ވަކި ވަގުތަކަށް، ކަނޑައެޅިފައިވާ ވަކި އަގަކަށް ބައިސިކަލް ކުއްޔަށް ދޫކުރާ ސްކީމެކެވެ. ސިޓީގެ އެކި ތަންތަނުގައި ހުންނަނީ މި ބައިސިކަލްތައް ކުއްޔަށް ދޫކުރާ އަދި ޗާޖުކުރެވޭނެ ސްޓޭޝަންތައް ވެސް ހަދައިފަ އެވެ. މަގުތަކުގައި މި ބައިސިކަލްތައް ޕާކުކުރެވޭނެ ހާއްސަ ޖާގަތައް ވެސް ހަދައިފައި ހުރެ އެވެ. އެ ސްކީމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ވެސް އޮވެ އެވެ.
މި މަސައްކަތަކީ ވެސް ސަރުކާރުން ތެލަށް ބަރޯސާވުން ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ވަރު އިތުރުކުރުމުގެ މަގުސަދުގައި ހިންގަން ރާވާފައިވާ ތަފާތު ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.