ބިދޭސީން ޑީޕޯޓް ކުރުމުން ދިވެހިންނަށް ފުރުސަތު ލިބޭނެ: އިހްސާން
ދެންމެ | 28 އޮކްޓޯބަރ 2024

ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިތައް ކުރުމުގައި އުޅޭ ބިދޭސީން ޑީޕޯޓްކުރުުމުން ދިވެހި ވިޔަފާރިތަކަށް ފުރުސަތު އިތުރުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ބިދޭސީން ޑީޕޯޓްކުރަމުންދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.

މެމްބަރު ވިދާޅުވީ މި ސަރުކާރުން ވެރިކަަމަށް އައުމަށް ފަހު އެތައް ބަޔަކު ޑީޕޯޓްކޮށްފައިވާ ކަމަށާއި އަދި އެއިން ގައުމުށާއި ރައްޔިތަކަށް އެއްވެސް ފައިދާއެއް ވިތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ މިހާތަނަށް ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުން ދިޔަ 4000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަަމަށެވެ.

އެހެން ނަމަވެސް އެ މީހުން ޑީޕޯޓްކުރުމުގެ ސަބަބުން ވީ ފައިދާއާ ގުޅޭ ސީދާ ހިސާބެއް ހަދާފައި ނުވާ ކަމަށާއި ނަމަވެސް އޭގެން ގައުމަށް ލިބޭނީ ފައިދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

”އޭގެ ތެރެއިން އުފެދިގެން އަންނާނީ ދިވެހިންނަށް ވިޔަފާރީގެ ފުރުސަތު. މިކަންކަމަށް ޖާގަ ލިބި ދިވެހި އިގްތިސޯދުގެ ތެރޭގައި ހިފެހެއްޓެންޖެހޭ ފައިސާ ހިފެހެއްޓުމަށް ހަމަ ޔަގީނުން ވެސް ކުރިއަށްވުރެ ރަނގަޅުވާނެ.“ އިހުސާން ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގާ ބިދޭސީން ވަރަށް ގިނަ އެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭއާއި ބޯކޮށާ ތަންތަން ވެސް ބިދޭސީން ހިންގަ އެވެ. ނަމަވެސް އެ ވިޔަފާރިތައް އެމީހުން ކުރަނީ ދިވެހީންގެ ނަން މަތީގަ އެވެ.

އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުގައި ވެސް ބޮޑަށް އިސްކަން ދެނީ ގަވައިދާ ހިލާފަށް ވިޔަފާރިތައް ހިންގާ ބިދޭސީން ހޯދުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!