މެރކް ފައުންޑޭޝަންގެ ސީއީއޯ މެޑަމް ސާޖީދާގެ އަރިހަށް ޒިއާރަތް ކޮށްފި
ދެންމެ | 29 އޮކްޓޯބަރ 2024

މެރކް ފައުންޑޭޝަންގެ ސީއީއޯ ރައީސް ސެނެޓާ ޑރ. ރަޝާ ކެލެޖު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން އެކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓެންޒޭނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި، މެރކްގެ ސީއީއޯ ވަނީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމާއި ބަލިތަކަށް ފަރުވާ ދިނުމުގައި އެ ފައުންޑޭޝަނުން ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ރައީސްގެ އަނބިކަނބަލުންނާ ހިއްސާކުރައްވާފައެވެ.

އަދި އެ ފައުންޑޭޝަނުން ހިންގާ ސްޕެޝަލިސްޓް ތަމްރީނު ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ދާއިރާތަކުން ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ގިނަ އަންހެނުންނަށް ކުރިމަތިވެފައިވާ ދަރިމައިވުމުގެ މައްސަލަ ފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ސަރުކާރުން އަންހެނުންގެ ސިއްހަތަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ދެ ބޭފުޅުން ވަނީ އަންހެނުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށް ފައުންޑޭޝަނުން އިތުރަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!