ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާން ސިނގިރޭޓު ބުއިން ހުއްޓާލައި އެކަން އިއުލާން ކޮށްފިއެވެ.
ޝާހަށް 59 އަހަރު ފުރުމުގެ މުނާސަބާގައި މިމަހު 2 ގައި ބޭއްވި ހާއްސަ އިވެންޓުގައި އޭނާ ވަނީ ސިނގިރޭޓު ބުއިން ހުއްޓާލިކަން އިއުލާން ކޮށްފައެވެ. އެގޮތުން މި އިވެންޓުގައި ބައިވެރިވި ފަރާތްތަކާއި ވާހަކަ ދައްކަމުން ޝާހުރުކް ބުނީ 30 އަހަރު ވަންދެން ސިނގިރޭޓު ބުއިމަށްފަހު މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
”ސިނގިރޭޓު ބުއިން ހުއްޓާލުމުން ނޭވާ ކުރު ނުވާނެ ކަމަށް ހީކުރީ، އެކަމަކު އަދިވެސް ބައެއް ފަހަރު ނޭވާލާން އުނދަގޫވޭ“ ޝާހުރުކް މި އިވެންޓުގައި އޭނާގެ ފޭނުންނާ މުހާތަބު ކުރަމުން ބުނެފައިވެއެވެ. އަދި އެ މައްސަލަވެސް ވަރަށް އަވަހަށް ހައްލުވާނެ ކަމަށް އުއްމީދުކުރާ ކަމުގައި އޭނާ ވަނީ ބުނެފައެވެ.
ޝާހުރުކް މިކަން އިއުލާން ކުރުމާއެކު އެކަމުން ”އިންސްޕަޔާ“ ވެ އޭނާގެ ފޭނަކުވެސް ވަނީ އެދުވަހުން ފެށިގެން ސިނގިރޭޓު ބުއިން ހުއްޓާލާނެ ކަމަށް ބުނެފައެވެ. މިއަށް ޖަވާބުދެމުން ޝާހުރުކް ބުނީ އޭނާ އަކީ ”ރޯލް މޮޑެލް“ އެއް ނޫން ކަމަށާއި، އެމީހެއްގެ ދިރިއުޅުން ބައްޓަން ކުރަން ޖެހޭނީ އެމީހަކު ބޭނުން ގޮތަކަށް ކަމަށެވެ. އަދި ސިނިރޭޓު ބުއިން ހުއްޓާލުމަކީ އޭނާގެ ހިތް އެދޭ ގޮތް ނަމަ އެކަން ކުރުމަށްވެސް ވަނީ ބުނެފައެވެ.
ޝާހުރުކް މިއަހަރުގެ އުފަންދުވަސް ފާހަގަ ކޮށްފައިވަނީ ފޭނުންގެ އިތުރުން އޭނާގެ އާއިލާ އަދި އެންމެ ގާތް އެކުވެރިންނާ އެކުގައެވެ.