ރާއްޖޭގެ ދިފާއުގައި ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށް، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލަށް، ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު، ރައީސް އޮފީހުގެ ކޯޕަރޭޓް އެފެެއާޒް ސެކްރެޓަރީ ހުސެއިން އާމިރު ވިދާޅުވަނީ އެވެ.
މީގެ 36 އަހަރު ކުރިން ޕްލޯޓްގެ ހަނގުރަމަވެރިން ރާއްޖެއަށް ދިން ބިރުވެރި ހަމަލާގެ ހަނދާންތަކާއި އޭނާގެ ހިދުމަތުގެ ތާރީހު ކިޔަން ފެށުމާ އެކު ޖަލީލަށް ކުރީ ފުން އަސަރެކެވެ.
އެއީ އޭނާގެ ހަޔާތުގައި އައި އެންމެ ހާއްސަ އެއް ވަގުތުކޮޅެވެ. އުމުރުގެ ބޮޑުބައި އަދި ފުރާނަ އަތްމައްޗަށް ލައިގެން ކުރެއްވި މަސައްކަތަށް އެންމެ ފަހުން ހައްގު ޝަރަފު ލިބިވަޑައިގަތީ އެވެ.
ސިފައިންގޭގައި 32 އަހަރު ހިދުމަތްކުރައްވައި، ފެބްރުއަރީ 9، 2012 ގައި ހިދުމަތުން ރިޓަޔާކުރެއްވިއިރު ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުކޮށްލަން ހަތިޔާރާ އެކު ޓެރަރިސްޓުންގެ ބަޔަކު ނޮވެމްބަރު 3، 1988 ގައި ހަމަލާދިން އިރު ޖަލީލު ހުންނެވީ ސިފައިންގެ މައި މަރުކަޒުގެ ޓާސްކް ފޯހުގެ ކޮމާންޑަރަކަށެވެ.
ކުއްލިއަކަށް ދޭން ފެށި ހަމަލާތަކާއެކު، ސިފައިންގެ ތެރެ ހަލަބޮލިވިއަސް އޭރު 28 އަހަރުގެ ޖަލީލް ވަނީ އަމިއްލަ އިސްނެންގެވުމަށް މުހިންމު އެތައް ކަމެއް ކުރައްވައި ސިފައިންގެ ސަފުތައް ރޫޅުނަ ނުދީ ހިފަހައްޓަވައިފަ އެވެ. އަދި އެ ދުވަހު ބިރުވެރި ދުވަހު ދުޝްމަނުން ހަމަލާ ދެމުން ދަނިކޮށް ސިފައިންގެ ތެރެއިން ބޭރަށް ނުކުމެ ދުޝްމަނުން ސިއްސުވާލައި ފަހަތަށް ޖެއްސުމުގައި އެންމެ އިސްކޮށް ހުންނެވި ކޮމާންޑަރަކީ ވެސް ޖަލީލެވެ.
މިރޭގެ ރަސްމިއްޔާތުގައި ޖަލީލާއި އޭނާގެ އާއިލާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. އެ ބޭފުޅުން ވަނީ ސްޓޭޖަށް އަރައިވަޑައިގެން ރައީސާ އެކު ފޮޓޯނަގައިފަ އެވެ.
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ފޭސްބުކްގައި މިރޭ ލިޔުއްވި ގޮތުގައި، ނޮވެމްބަރު 3 ގެ ހަމަލާދިން އިރު އޭނާ އުޅުއްވީ އުފަން ރަށުގަ އެވެ.
ކިތައްމެ ކުޑަ ނަމަވެސް ވާނުވާ ބެލުމުގެ ޝައުގާއެކު ރޭޑިއޯއިން އޭރު އެހި ހަބަރުތަކުގައި މޫސާ އަލީ ޖަލީލް ކަން ކުރެއްވި ގޮތް ކިޔައިދީފައިވާތީ ސަމީރު އޭރުއްސުރެ ހުންނެވީ ޖަލީލާ ބައްދަލުކުރެވޭނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ.
އެހެން ހުއްޓައި، އެ ފުރުސަތު ލިބިވަޑައިގެންނެވީ ސައުދީ ސަރުކާރުން ދިން ހައްޖު ދަތުރެއްގަ އެވެ.
އޭނާ ވިދާޅުވީ ވިސާ ހޯދުމަށް އެކުގައި ލަންކާއަށް ކުރެއްވި ދަތުރަކީ ޖަލީލާ ބައްދަލުވި ފުރަތަމަ ފަހަރު ކަމަށެވެ. އެ ފަހަރު ނޮވެމްބަރު 3 ގެ ހަމަލާއާ ގުޅޭ ސުވާލުތައް ކުރެއްވި ނަމަވެސް އޭނާ ހުންނެވި ގޮތުން އެ ވާހަކަތައް ކުރިއަށްގެންދަވަން މާ ބޭނުން ނުވާކަން ސަމީރަށް ވިސްނިވަޑައިގެންނެވި އެވެ.
ނަމަވެސް، ފަހުން ސައުދީއަށް ވަޑައިގެން އެ ސުވާލުތައް ކުރެއްވުމުން މުހިއްމު ވާހަކަތައް ކިޔައިދެއްވި ކަމަށާއި އެ ވާހަކަތައް ކިޔައިދެއްވާ ކޮންމެ ފަހަރަކު ޖަލީލަށް ކުރާ އަސަރު މޫނުމަތިން ފެންނަ ކަމަށް ސަމީރު ވިދާޅުވި އެވެ.
”އެ ވާހަކަތައް ވިދާޅުވަން ފައްޓަވާ ކޮންމެ ފަހަރަކު އެ ބޭފުޅާއަށް ކުރާ އަސަރު މޫނުމަތިން ފެނެ އެވެ. އެ ހަނދާންތައް އާވާހެން ހީވެ އެވެ. ބައެއް ފަހަރު އަޑު ކުރަކިވި އެވެ. އެހާ ބޮޑަށް އެ ވާހަކަ ކިޔައިދޭން ކުރިން ބޭނުން ނުވީ އެ ސަބަބަށްޓަކައި ކަމަށް ވިސްނެ އެވެ،“ މީގެ 13 ވަރަކަށް އަހަރު ކުރީގެ ހަނދާންތައް އާ ކުރައްވައި ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލީލާއެކު ހޭދަކުރެއްވި ވިއްސަކަށް ދުވަހުގެ ތެރޭގައި، އެއީ ގައުމު ދެކެ ލޯބިވާ އަދި ދީނީ ކަންކަމަށް ފަރުވާ ބަހައްޓަވާ ބޭފުޅެއްކަން އެނގިގެން ދިޔަ ކަމަށެވެ.
”ދުޝްމަނުން ހަމަލާދެމުން ދަނިކޮށް ހަމަލާގެ ކުރިމައްޗަށް ނިކުންނަން ކެރޭނީ ޖެހިލުން ކުޑަ މީހަކަށެވެ. ވަތަނާއި ދީން ދެކެ ލޯބިވާ މީހަކަށެވެ. މޫސާ އަލީ ޖަލީލަކީ ހަގީގަތުގައި ވެސް އެފަދަ ބަތޮލެކެވެ. އުމުރުން އަށް އަހަރުން ފެށިގެން މިއަދާ ހަމައަށް މޫސާ އަލީ ޖަލީލަކީ އަޅުގަނޑުގެ ހީރޯ އެކެވެ. މިއަދު މޫސާ އަލީ ޖަލީލަށް ލިބުނު ޝަރަފަށްޓަކައި ވަރަށް ބޮޑަށް އުފާކުރަމެވެ. އެއީ އެ ބޭފުޅާއަށް ހައްގު ޝަރަފެކެވެ.“ ސަމީރު ވިދާޅުވި އެވެ.