އެއީ ތަނަވަސް މީހެކެވެ. ލޯބީގެ ގޮތުން ގުޅުނީ ވަރަށް ފަޤީރު އަންހެން ކުއްޖަކާއެވެ. އެހެންވެ ޢާއިލާގެ މީހުން އައީ އެކަމަށް ހިތްހަމަނުޖެހި ފާޑުކިޔަމުންނެވެ. އަންހެންކުއްޖާ ބޭނުންވެގެން އެއުޅެނީ ހަމައެކަނި ފައިސާކަމަށް އައީ ތުހުމަތުކުރަމުންނެވެ.
ދެމީހުން ލޯބީގެ ގޮތުން ގުޅުނުތާ ކުޑަދުވަސްކޮޅެއްވާއިރަށް އެނގުނީ ފިރިހެންކުއްޖާއަށް ކެންސަރުޖެހިފައިވާ ކަމެވެ. ބޭސްކުރަމުން ގޮސް 2 އަހަރުވީއިރުވެސް ޝިފާއެއް ނުލިބެއެވެ. ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލައިފައެވެ. އަދި އިތުރަށް ފަރުވާ ހޯދަން އޭނާވެސް ފޫހިވިއެވެ.
އެޙާލުގައި ހޮސްޕިޓަލުގައި އޮވެގެންވެސް އޭނާ ބޭނުންވީ މަރުވުމުގެ ކުރިން ކައިވެނިކުރާށެވެ! ލޯބިވެރިޔާގެ ފިރިމީހާގެ ގޮތުގައި މަރުވާށެވެ. އެކަމަށް އަންހެން ކުއްޖާ އެއްވެސް ޖެހިލުމެއް ނެތި އެއްބަސްވިއެވެ. ފިރިމީހާ މަރުވެއްޖެނަމަ ހުވަފަތްވެ ނިކަމެތިވާނެކަން އެނގިހުރެއެވެ. ލޯބީގެ ބާރުގައެވެ. އެއްބަސްވުމުން އަވަސްކޮށްލައި ކައިވެނިކުރިއެވެ. ކައިވެނިކުރީވެސް ހޮސްޕިޓަލުގައި ބަލިއެނދުގައި އޮވެގެންނެވެ.
ކައިވެންޏަށްފަހު ކަންކަން މެދުވެރިވި ގޮތް އެނގޭހެއްޔެވެ؟ އޭނާ އަވަހަށް މަރުވާކަށް ބޭނުމެއް ނުވިއެވެ. ދިރިހުންނަން ބޭނުންވިއެވެ. ކަށިން ހިތްވަރު ނެރެގެން ފަރުވާއަށް ކުރިމަތިލިއެވެ. އެހިސާބުން ކަންތައްވީގޮތް އެނގޭހެއްޔެވެ؟ މަޑުމަޑުން ޝިފާލިބެމުން އައިސް ޝިފާލިބުނީއެވެ. އެނުރައްކައުތެރި ކެންސަރުބަލިން ސަލާމަތްވެވުނީއެވެ.
މިއީ ސޯޝަލް މީޑިއާއިން ފެނިފައިވާ ވާހަކައެކެވެ. ނިކަން ބުނެބަލާށެވެ! އޭނާ މަރުމަތީގައިވެސް ކައިވެނިކުރަން ބޭނުންވީ ލޯބީގެ ބާރުގައި ނޫންހެއްޔެވެ؟ އަންހެންކުއްޖާއަށް ދާދި އަވަހަށް ހުވަފަތްވާންޖެހިދާނެ ކަމުގެ ބިރު އޮއްވައިވެސް ކައިވެނިކުރީ ލޯބީގެ ބާރުގައި ނޫންހެއްޔެވެ؟
ވީއިރު ހުރިހާ ކަމަކަށްވުރެ ބާރުގަދަމިވީ ކޮންކަމެއް ހެއްޔެވެ؟ އެކަމަކީ ތެދުވެރި ލޯބި ނޫންހެއްޔެވެ؟ އަހުރެން ބުނާނީ ކެންސަރުބައްޔަށް ކުރަމުން އައި ބޭސްފަރުވާއަށްވުރެވެސް، ދެމުން އައި ރޭޑިއޭޝަނަށްވުރެ، ނިޔުކްލިއަރ މެޑިސިނަށްވުރެވެސް ލޯބީގެ ބާރު މާގަދަ ނޫންހެއްޔެވެ؟
އަހުރެން ބުނާނީ ކަންކަން ކުރިމަތިވުމުން ލޯބިކުށްވެރިނުކުރާށެވެ! ދިރިހުރުމަށް އެންމެ މުހިންމީ ލޯތްބެވެ. ތެދުވެރި ލޯބީގެ ބާރުގަ ނުވާނެ ކަމެއް ނެތެވެ. މުޞީބަތަށް ވަމުން މިދަނީ ފޭކް ލޯތްބެވެ.