ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު ހައި ކޯޓަށް މައްސަލަ ހުށަހެޅުމުން އޭނާ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުން ބާތިލްކުރަން ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން ރާގިބު މަގާމުން ވަކި ކޮށްފައިވާ ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރުކަމުން ރާގިބު ވަކި ކުރިއިރު މިދިޔަ މަހު ހައި ކޯޓުން ނިންމާފައިވަނީ ރައީސް އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.
އެގޮތަށް ނިންމީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ރާގިބު ވަކާލާތު ކުރެއްވުމުންނެވެ. ނަމަވެސް އޭގެފަހުން އެހެން މައްސަލަތަކުގައި ވެސް ދިފާއީ ވަކީލެއްގެ ގޮތުން އޭނާ ވަކާލާތު ކުރެއްވި އެވެ.
ރައީސް އޮފީހާ ދެކޮޅަށް ރާގިބު މިފަހަރު ހުށަހެޅުއްވި މައްސަލައާ ގުޅޭގޮތުން ”މިހާރު“ އަށް ވިދާޅުވީ އާބާދީގައި 10،000 ހަމަވާ ކަމަށް ބުނެ ތިނަދޫ ކައުންސިލުން ގެންގުޅެފައިވަނީ އޮޅުވާލާފައިވާ ލިސްޓެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިނަދޫގައި މިހާރު އޮތް އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރުގައި އެދުމުން އެތަނުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ތިނަދޫގެ އާބާދީއަކީ 7،000 އެވެ.
އެހެންވެ، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ކައުންސިލުން އޮޅުވާލި ލިސްޓަކަށް ބަލައިގެން ކަމަށާއި އަދި އެއީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށްވާތީ ތިނަދޫ ކައުންސިލާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްސަލަ ބަލަން އެދިފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.
ރާގިބަކީ ކ. ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓެވެ. އޭނާ 2019 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ލަފާ ދިނުމާ އެކު އެވެ. އޭގެ ފަހުން ޕީޕީއެމްގެ ގާނޫނީ ޓީމުގައި އޭނާ މަސައްކަތް ކުރެއްވި އެވެ.