ވައިބާ އެކައުންޓެއް ހެކުކޮށްގެން، އޮޅުވާލައިގެން މީހެއްގެ އަތުން ފުލުހަކު ފައިސާ ހޯދި ވާހަކައަކީ ދޮގެއް ކަމަށާއި، އެފަދަ ބައިވެރިވުމެއް ފާހަގަކުރެވިފައިނުވާ ކަމުގައި ދިވެހި ފުލުހުންގެ ޚިދުތުން ބުނެފިއެވެ.
ފުލުހުން އެފަދައިން ބުނީ، ވައިބާ އެކައުންޓެއް ހެކުކޮށް، ބައެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތު، ފުލުހެއްގެ މައްޗަށް ސޯޝަލް މީޑިޔާގައި ކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ޕޯސްޓުގައި، އެ ފުލުސް މީހާގެ ވަނަވަރާއެކު، ފޮޓޯ ވެސް ޢާންމުކޮށްފައިވެއެވެ.
އެގޮތުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައަކީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން އެ މީހާގެ ދަންނަ މީހުންނަށް މެސެޖުކޮށް ހޯދާފައިވާ އެ މައްސަލައަކަށް ވާއިރު، އެ މައްސަލައާ ގުޅުންހުރި އިތުރު ތިން މަައްސަލައެއް އެ އިދާރާއިން ބަލަމުންދާ ކަމަށެވެ.
އަދި އެ މައްސަލަ ފެންމަތިވުމާއެކު، ވައިބާ އެކައުންޓް ރިކަވާކޮށް އެ އެކައުންޓުގެ ވެރިފަރާތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި އެ މައްސަލައިގައި ތަފާތު ތިން މީހެއްގެ އަތުން އޮޅުވާލައިގެން 10،100 ރުފިޔާގެ އިތުރުން، އީމެއިލް އަދި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒްކޮށްފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި، އެ ފައިސާގެ ތެރެއިން 5،600 ރުފިޔާ ފައިސާ ދައުރުވެފައިވާ އެކައުންޓްތަކުގެ ތެރެއިން އެކައުންޓެއްގައި ހޯލްޑް ކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގައި ފައިސާ ދައުރުވި އެކައުންޓްތަކުގެ ތެރޭގައި ފުލުހެއްގެ އަނބިމީހެއްގެ އެކައުންޓް ހިމެނުނު ނަމަވެސް އެ އެކައުންޓަކީ އެ އަންހެން މީހާގެ އީމެއިލް އާއި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއް ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި އެއްވެސް ފުލުހެއްގެ ބައިވެރިވުން ފެނިފައިނުވާ ކަމަށާއި، އެ މައްސަލައިގެ ތަހުގީގުގެ އެއްވެސް ހިސާބަކުން ނަމަވެސް ފުލުހެއްގެ ބައިވެރިވުން ފާހަގަކުރެވިއްޖެ ނަމަ، އެ ފުލުހެއްގެ މައްސަލަ ބަލާނެ ކަމުގައި ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތެރެއިން ރިކަވާ ނުކުރެވިހުރި ފައިސާ ރިކަވާކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.
އަދި ހަމައެއާއެކު، ފުލުހުންގެ ނަން ކިލަނބުވާގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.