އާޚިރަތާއިމެދު ނުވިސްނާނަމަ ނުވަތަ އާޚިރަތް ލިބިގަތުމަށް މަސައްކަތްނުކުރާނަމަ އެއީ ގެއްލެނިވެގެންވާ މީހެކެވެ. ދުނިޔޭގައި އުފަލުގައި އުޅެން ކިތަންމެ ގިނަ މަސައްކަތްކޮށްގެން ދުނިޔޭގައި ކިތަންމެ ބޮޑު އުފާވެރިކަމެއްގައި އުޅެވުނަސް އެއީ ހަމަ ވަޤުތީ ކަމެކެވެ. މަރުވުމުން އެހުރިހާ އުފާތަކެއް ގެއްލިގެން ދިއައީއެވެ.
މުސްލިމުންނަށް އޮތީ ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދިގެން މަސައްކަތްކުރުމެވެ. ދުޢާވެސް ކުރުމެވެ. އެހެންކަމާއިއެކުވެސް އެންމެ މުހިންމީ އުޚްރަވީ ޙަޔާތް ބާއްޖަވެރިވުމެވެ. މަދު ދުވަސްކޮޅެއް ދުނިޔޭގައި ހޭދަކޮށްލުމަށްފަހު ދުނިޔެ ދޫކުރަންޖެހޭތީއެވެ. އެހިސާބުން އެއޮތީ އުޚުރަވީ ޙޔާތަށް ފެށިފައެވެ.
ކޮންމެ މީހެއްގެވެސް އެންމެ ބޮޑު ބޭނުމަކަށްހަދަންޖެހޭނީ ދުނިޔެއަށްވުރެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރަން މަސައްކަތްކުރުމެވެ. އުފަންވީންސުރެ މަރުވުމާއި ހަމައަށް ފާއިތުކުރެވެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. މަރުވުމާއި ހަމައިން ފެށިގެން އެދަނީ ދުވަހަކުވެސް ނިމުމެއް ނެތް ހަޔާތެވެ! ވީމާ ދުނިޔޭގެ ޙަޔާތުގައި ލިބޭ އުފާވެރިކަމުން ކުރާނީވެސް ކޮން ފައިދާއެއްހެއްޔެވެ؟
ވީމާ ދުނިޔަވީ ޙަޔާތަށްވުރެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރަން އެދޭމީހާ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. މަސައްކަތްކުރުމާއިއެކު ދުޢާކުރުން ގިނަކުރަންޖެހޭނެއެވެ. އެގޮތުން މިއީ ވެސް ގިނަގިނައިން ކުރަންވީ ދުޢާއެކެވެ!
”ޔާ ﷲ! މިއަޅާގެ މާޒީއަށްވުރެ މުސްތަޤްބަލް އުޖާލާކުރައްވަވައި ދެއްވަވާނދޭވެ! ދުނިޔެއަށްވުރެ ކައްވަޅު އުފާވެރިކުރައްވަވައިދެއްވަވާނދޭވެ! ދުނިޔަވީ ޙަޔާތަށްވުރެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރައްވަވައި ދެއްވަވާނދޭވެ! އަދި މިއަޅާގެ އެންމެ ފަހު މަންޒިލަކީ ޖަންނަތުލްފިރުދައުސްކަމުގައި ލައްވަވާނދޭވެ!“ އާމީން
މިދުޢާގެ އިތުރުން އެންމެން ދަންނަ ރައްބަނާ އާތިނާ ދުޢާވެސް ގިނަގިނައިން ކުރާށެވެ! ސަޖިދައިގައިވެސް ކުރާށެވެ!
رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةًۭ وَفِى ٱلْـَٔاخِرَةِ حَسَنَةًۭ وَقِنَا عَذَابَ ٱلنَّارِ
–އިސްލާމީ ތިލަފަތުގެ ދަރުސަކުން