އިސްތަށިގަނޑު ފަސޭހައިން ދިގުކޮށް ރީތިކުރުމަކީ ވަރަށް ގިނަ މީހުން ބޭނުންވާ ކަމެކެވެ. މިކަން ހާސިލް ކުރުމަށްޓަކައި ތަފާތު އެކި ”ހެއާ ޕްރޮޑަކްޓުތައް“ ބޭނުން ކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ނަމަވެސް މިކަން ގުދުރަތީ އެއްޗެހި ބޭނުން ކޮށްގެންވެސް ހައްލު ކުރެވިދާނެއެވެ. ތިރީގައި މި ހިމަނާލަނީ އިސްތަށިގަނޑު ދިގު ކުރުމަށް ދޮންކެޔޮ ތޮށީގެ ފެން ބޭނުން ކުރާނެ ގޮތެވެ.
ތައްޔާރު ކޮށް ބޭނުން ކުރާނެ ގޮތް:
– މި ފެން ތައްޔާރު ކުރުމަށް ބޭނުންވާނީ ދޮންކެޔޮ ތޮއްޓާއި ފެނެވެ.
– މި ތައްޔާރު ކުރުމަށްޓަކައި 10-15 މިނެޓު ވަންދެން ދޮންކެޔޮ ތޮށިތައް ފެނު ކައްކާލުމަށްފަހު ފުރާނާފައި ތޮށިތައް ވަކިކޮށްލާނީއެވެ.
– އެއަށްފަހު ފެން ހިހޫ ވަންދެން ބަހައްޓާނީއެވެ.
– ފެން ހިހޫ ވުމުން އެ ފެނުން ބޮލުގެ ހަންގަނޑާއި އިސްތަށީގެ ކޮޅުތައް ރަނގަޅަށް މަސާޖު ކުރާނީއެވެ.
– އަދި މަސާޖު ކުރުމަށްފަހު 30 މިނެޓު ވަންދެން ބަހައްޓާފައި އިސްތަށިގަނޑު ދޮވެލާނީއެވެ.
– މީގެ ނަތީޖާ އެންމެ އަވަހަށް ފެންނާނީ ހަފްތާއަކު ދެ ފަހަރު ބޭނުން ކުރުމުންނެވެ.
ދޮންކެޔޮ ތޮއްޓަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް، މެގްނީޒިއަމް އަދި އެންޓިއޮކްސިޑެންޓުތައް ހިމެނޭ އެއްޗެއްކަމުން މި ބޭނުން ކުރުމުން އިސްތަށިގަނޑު ދިގުވެ، ބޮލުގައި އިސްތަށިފަޅާވަރު އިތުރުވެއެވެ. މީގައި އެކުލެވޭ ނިއުޓްރިއެންޓުތަކަކީ އިސްތަށީގެ ފޮލިކަލްތައް ވަރުގަދަ ކޮށްދޭ އަދި ބޮލުގެ ހަންގަނޑު ހައިޑްރޭޓު ކޮށްދޭ މާއްދާތަކެކެވެ.
މިއީ ވަރަށް ފަސޭހަކަމާއެކު ކޮންމެ މީހަކަށްވެސް ތައްޔާރު ކުރެވޭނެ އެއްޗެކެވެ. ވީމާ އިސްތަށިގަނޑު ދިގުކޮށް، ބޮލުގައި އިސްތަށިފަޅާވަރު އިތުރު ކުރަން ބޭނުންވާނަމަ މިއީ ޓްރައި ކޮށްލަން ރަނގަޅު އެއްޗެކެވެ.