‏އެއްބަސްވިޔަސް ނުވިޔަސް ޑޮލަރު އަގު ދަށްވެއްޖެ: އިނަރމޯލްޑިވްސް ފިރާގް
ދެންމެ | 01 ފެބްރުއަރީ 2025

އެއްބަސްވިޔަސް ނުވިޔަސް ކަމެއް ބަދަލުވެއްޖެ ކަމަށް ވިދާޅުވެ ޑޮލަރުގެ އަގުދަށްދާން ފަށާފައިވާ ކަމަށް ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓްރެވަލް އޭޖެންސީ ހިންގާ އިނަ މޯލްޑިވްސްގެ ފައުންޑާ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

މިއަދު ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ މިއަދު ކަޅު ބާޒާރުގައި ޑޮލަރު މާރުކުރެވޭ ރޭޓު ކުރީ ހަފްތާތަކާ އަޅާބަލާއިރު 50 ލާރި ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިއީ ވިޔަފާރިތަކަށް، ހާއްސަކޮށް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިތަކަށް ފަހި ދުވަހެއް ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.

އަދި މިއީ ޑޮލަރު އަގުބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދިދާނެ ކަމަށް ލިބޭ ފެހި ސިގުނަލެއް ކަމަށް ބެލެވޭ ކަމަށާއި މިގޮތުގައި ދެމެހެއްޓިއްޖެނަމަ ވިޔަފާރިތަކުގެ މާލީ ހާލަތު ރަނގަޅު ގޮތުގައި ދެމެހެއްޓޭނެ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.

ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކޮންމެ ޓްއަރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭގޮތަށް ކަނޑައަޅާފައިވާ ގާނޫނު ރައީސް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު 14 ގައެވެ.

އަދި އެ ނިންމެވުމުގެ ރަނގަޅު ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް ރައީސް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!