އަންހެނުން ކޮމެޓީއަށް ރޯދަ އެލަވެންސް ދޭ ގާނޫނު ތަސްދީގުކޮށްފި
ދެންމެ | 19 ފެބްރުއަރީ 2025

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައީސް ޑރ. މުޙަައްމަދު މުޢިއްޒު، މިއަދު ތަސްދީގުކުރައްވައިފި އެވެ.

އެ ބިލު ތަސްދީގު ކުރައްވައި މިއަދު ގެޒެޓު ކުރެއްވުމާއެކު އިސްލާހުތަކަށް ގާނޫނީ ބާރުވެރިކަން ލިބި ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 3000ރ. ލިބޭނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު, ރޯދަ އެލަވެންސާ ޗުއްޓީތަކުގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި މަސައްކަތްތައް ކުރުމުގެ ގާނޫނީ ބާރު ވެސް ޑަބްލިއުޑީސީއަށް ލިބޭނެ އެވެ.

އެ ބިލު ގާނޫނަކަށް ވުމާއެކު، މިއަދުން ފެށިގެން ކައުންސިލްތަކަށް ހިލޭ އެހީ (ލޯކަލް ކައުންސިލް ގްރާންޓު) ގެ ގޮތުގައި ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު ޑަބްލިއުޑީސީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރަން ހާއްސަ ކުރަން ޖެހޭނެ އެވެ.

ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

މަޖިލީހުން އިއްޔެ އެ ބިލް ފާސްކުރީ 72 މެންބަރުންގެ ވޯޓުންނެވެ.

މި ބިލު ފާސްވެ، ރައީސް ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރުމުން، މި އިސްލާހަށް މިހާރު އަމަލު ކުރަން ފަށާފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!