ކުރީގެ އަނބިމީހާއަށް ހަމަލާދިން ފިރިހެނަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.
ކުރީގެ އަނބިމީހާއަށް ހަމަލާދިން މައްސަލައަކީ ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގި މައްސަލައެކެވެ.
މި މައްސަލައާއި ގުޅިގެން ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ފިރިހެނެއްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރިއެވެ. އެއީ ގެވެށި އަނިޔާއިން ރައްކާތެރިކުމުގެ އަމުރާ ހިލާފުވުމުގެ ދައުވާއާއި، ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ގެވެށި އަނިޔާއިން ރައްކާތެރިކުމުގެ އަމުރާ ހިލާފުވުމުގެ ދައުވާކޮށްފައިވަނީ ދެ މީހުން ވަރިވީ ފަހުންވެސް ފިރިހެން މީހާ އެކި ގޮތްގޮތުން އަންހެން މީހާއަށް ގޯނާ ކުރާތީ އެކަން ހުއްޓުވުމަށް ނެރުނު ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ އެ ފިރިހެން މީހާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އެ ފިރިހެން މީހާގެ މައްޗަށް އުފުލާފައިވަނީ ކުރީގެ އަނބިމީހާގެ ގައިގައި އަތޔްލައި ހަމަލާދީފައިވާތީ އެވެ. އަދި އަދި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ކުރީގެ އަނބިމީހާގެ ފޯނު ގަދަކަމުން އަތުލާފައިވާތީ އެވެ.
މި ތިން ދައުވާ އެ ފިރިހެން މީހާގެ މައްޗަށް ދައުލަތުން އުފުލިނަމަވެސް، ސާބިތުވެފައިވަނީ ހަމައެކަނި ގައިގައި އަތްލުމުގެ ކުށުގެ ދައުވާއެވެ. ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެ، އެ ފިރިހެން މީހާގެ މައްޗަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.